މޮންޓްރޯ (މާޗް 5) : އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމާ ބެހޭ ގޮތުން ހުޅަނގުގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ފުރްސަތު ބޮޑުކަމަށާއި މިމަސް ނިމުމުގެ ކުރިން މިކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.


ޒަރީފް މިހެން ވިދާޅުވީ ނިއުކްލިޔާ މައްސަލާގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާ އެކު ސްވިސްޓްޒަރލޭންޑްގެ މޮންޓްރޯގައި ކުރެއްވި މަޝްވަރާތަކަކަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގަ އެވެ. އޭނާ ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް ޓަކައި 24 ގަޑިއިރު ވާހަކަތައް ކުރިޔަށް ގެންދަން ވެސް އީރާން އޮތީ ތައްޔާރަށް ކަމުގަ އެވެ. ނަމަވެސް އެއްބަސްވުމަކަށް އައުމުމަށް ޓަކައި އީރާނުގެ ނިއުކްލިޔާ ހައްގުތައް ދޫކޮށްނުލާނެ ކަމަށް ޒަރީފް ވިދާޅުވި އެވެ.
ޒަރީފް އާ ކުރެއްވި މަޝްވަރާތަކަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވެސް ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު މިހާތަނަށް ދެކެވުނު ވާހަކަތަކުން ބޮޑެތި ކުރިއެރުން ލިބިފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެއްބަސްވުމަކާ ހަމައަށް ދިޔުން ލަސްވަނީ ފުރިހަމައެއްބަސްވުމެއް ވުޖޫދަށް ގެންނަން ބޭނުންވާތީ ކަމަށް ވެސް ކެރީ ވިދާޅުވި އެވެ. އަދި އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެއްބަސްވެވޭ އެއްބަސްވުމެއް ވާންޖެހޭނީ ބައިނަލްއަގްވާމީ މުޖްތަމައު ވެސް ބަލައިގަންނަ ފަދަ ހަރުދަނާ އެއްބަސްވުމަކަށް ކަމަށް ވެސް ކެރީ ވިދާޅުވި އެވެ. ދެ ބޭފުޅުންގެ ދެއްކެވި ވާހަކަތަކުގައި ވެސް އީރާނުގެ ނިއުކްލިޔާ މައްސަލާގައި ލިބުނު ކަމަށް ބުނާ ކުރިއެރުންތަކުގެ ތަފްސީލް ހާމަ ކުރައްވާފައެއް ނުވެ އެވެ.
އެމެރިކާއާއި އީރާނުގެ ޚާރިޖީ ވަޒީރުން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު އެއްބަސްވުމަކަށް އައުމަކީ އެމެރިކާއަށާއި އިސްރާއީލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އިންޒާރެއް ދެއްވާފައި ވަނިކޮށެވެ.


އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަގްރީރެއްގައި ނަތަނިޔާހޫ ވަނީ ނިއުކްލިޔާ މައްސަލާގައި އީރާނާ އެކު އެއްބަސްވުމަކަށް ނުދިޔުމަށް ވަރަށް ހަރުކަށި ގޮތެއްގައި އެމެރިކާއަށް ގޮވާލައްވާފަ އެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލު ކުރުމަށް އޮބާމާގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ނަތަނިޔާހޫގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ހުރަސްނޭޅޭނެކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ ވާހަކަ ތަކުން ވަނީ ސާފުވެފަ އެވެ.
އަދި ނިއުކްލިޔާ މައްސަލާގައި އީރާނާއި އެމެރިކާއިން އެއްބަސްވުމަކަށް އައިސްފި ނަމަ އެއީ އިސްރާއީލުގެ ހަރުކަށި ސިޔާސަތުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ނާކާމިޔާބީ އެއްކަމަށް ވެސް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)