05 Mar 2015, 16:09
ރާއްޖޭގެ ސްކޫލްތައް އެއް ނެޓް ވޯކަކުން ގުޅާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޒަމާނީ ފެންވަރުގައި ވީޑިއޯ ކޮންފަރެންސިންގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މިއީ ރާއްޖޭގެ ސްކޫލްތައް އެއް ނެޓް ވޯކަކުން ގުޅާލުމުގެ މަސައްކަތުގެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑޫއޭވީ އަދި އައިޑިއާ އާއި ގުޅިގެން ތައާރަފްކުރި ވީޑިއޯ ކޮންފަރެންސިންގް ތައާރަފްކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއަދު ތައާރަފްކުރި ހިދުމަތާ އެކު ރާއްޖޭގެ އެކި ރަށްރަށުގައި ތިބޭ 300 އަށް ވުރެ ގިނަ ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭނެ އެވެ. މީގެ އިތުރުން، ދަރިވަރުންނަށް ބޭނުންވާނެ އިތުރު މައުލޫމާތާއި ޕްރެޒެންޓޭޝަން ފަދަ އެއްޗެހި ވެސް އެ ހިދުމަތުގެ ތެރެއިން ހިއްސާކުރެވިގެންދާނެ މަގުފަހިވާނެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ތައުލީމީ ދާއިރާގެ ތެރޭގައި އެ ހިދުމަތް ބޭނުން ކުރެވިދާނެ ތަފާތު ގޮތްތަކަށް އަލިއަޅުއްވާ ލައްވައި ލައިފްސައިޒްގެ އިންޓަނޭޝަނަލް ވައިސް ޕްރެޒިޑެންޓް އެންޑްރޫ ވިނޯލްޑް ތައާރަފް ކޮށްދެއްވި އެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި އޮސްޓްރޭލިޔާގެ ސިޑްނީ އާއި އިންޑިޔާގެ ބެންގަލޫރާއި ހޮންގްކޮންގްގައި ހުރި މީހަކާއި ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ބޭފުޅުންނާ ވަނީ ވީޑިއޯ ކޮންފަރެންސެއްގައި މެދުވެރިކޮށް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.