ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ ގެކޮޅުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރުގައި ހުރި ފިންގާ ޕްރިންޓް ނާޒިމާއި އޭނާގެ އާއިލާގެ އެއްވެސް މެމްބަރެއްގެ ފިންގާ ޕްރިންޓާ ދިމާނުވާ ކަމަށް ފުލުހުންގެ ރިޕޯޓުތަކުން ހާމަވެފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ވީޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަ ދައްކަވަމުން ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގައި ހުރި ފިންގާ ޕްރިންޓް ނާޒިމާއި އޭނާގެ އާއިލާގެ އެއްވެސް މެމްބަރެއްގެ ފިންގާ ޕްރިންޓާ ފުލުހުންގެ ޑޭޓާ ބޭސްގައި ހުރި ފިންގާ ޕްރިންޓާ ދިމާނުވާ ކަމަށް ފުލުހުންގެ ރިޕޯޓުތަކުން ހާމަވެފައިވާ ކަމަށެވެ.

"އެކަމުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ތިން ކަމެއް. އެއް ކަމަކީ ކާނަލް ނާޒިމާއި ކާނަލް ނާޒިމްގެ އާއިލާ މީހުންނާ ގުޅުމެއް ނެތް ތަކެތި ކަން ހޯދާފައި ވަނީ. ދެވަނަ އަށް މި އެނގޭ އެއްޗެކޭ ކޮންމެ ވެސް އެހެން މީހަކު މިކަމުގައި އުޅޭ ކަން. އެއީ ޕްރިންޓްތަކެއް ނެގުނުކަން އޭގެއިން އެބަ އިނގޭ. ފުލުހުންގެ އެ ރިޕޯޓުތަކުގައި ވެސް އެބަ ބަޔާން ކުރޭ ޕްރިންޓުތަކެއް ނެގުނޭ. އެ ފިންގާ ޕްރިންޓުތައް މެޗު ނުވާކަން އެނގުމުން އެބަ އިނގޭ ކޮންމެވެސް އެހެން ބަޔަކު އެބަ އުޅޭކަން،" މައުމޫން ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާޒިމްގެ ގެކޮޅުން ފެނުނު ހަތިޔާރުގައި ހުރި ފިންގާ ޕްރިންޓަކީ ކޮން ބޭފުޅެއްގެ ފިންގާ ޕްރިންޓެއް ކަން ފުލުހުން ހޯދުމަށް މަސައްްކަތް ނުކުރާ ކަމަށެވެ. އަދި ފުލުހުންގެ ރިޕޯޓުތައް އެހެން ހުރުމުން އެއީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަަލުވުމުގައި މައުމޫން ހަމީދު ވަނީ ނާޒިމްގެ މައްސަލާގައި ހެކި ބަސް ދިނުމަށް ފުލުހުން ގެންދާ މީހުން "ސިއްރު" ކުރަމުންދާތީ އެކަން ފާހަގަކުރައްވާފައި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އެކަން ސިއްރުކޮށްގެން ނުވާނެ ކަމަށް. އެއީ އެކަށީގެންވާ ގޮތަކަށް ސިއްރު ކުރުމަށް އެދިވަޑައިގެންފައިވާ ކަމެއް ނޫން. ހެކި ސިއްރު ކުރީމާ އެންމެ ބޮޑަށް މިޖެހޭ މައްސަލައަކީ އެ ހެކި ބަސް އަދާ ކުރަނީ ކާކު ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ކާނަލް ނާޒިމް އަކަށް އެނގިވަޑައެއް ނުގަންނަވާ. އެހެންވީމާ އެމީހަކުދޭ ހެކި ބަހުގެ ސައްހަކަމާ މެދު އެއްޗެއް ބުނާކަށް ނޭނގޭނެ ދައުވާ ލިބޭ މީހާ އަކަށް،" މައުމޫން ހަމީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އޭނާ ވަނީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނަށް އެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ހައްޔަރު ކުރާ މީހުންގެ ހައްގުތައް ނަގަހައްޓަން ޖެހޭ ކަމަށާއި އެހެންނަމަވެސް "މިގޮތަށް ކަންތައްވާ ނަމަ ހައްގުތައް ނެގެހެއްޓޭކަށް" ނެތް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ޕްރޮސިކިއުޓާ ޖެނެރަލަށް ދައުވާ ކުރާ މީހުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ވެސް ރައްކާތެރިކުރުވަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލަށް ނާޒިމްގެ ގާނޫނީ ޓީމުން ފާޑު ވިދާޅުވި އިރު ހައްގު ނޫން ދައުވާއެއް ކުރި ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓާ ޖެނެރަލްއާ ދެކޮޅަށް ކުރީގެ ޑިފެންސް މިނިސްޓަރުގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ދައުވާ އުފުލާފައި އެވެ.

އެންމެފަހުން ބޭއްވި ޝަރީއަތުގައި ދައުލަތުން މިހާރު ވަނީ ނާޒިމްގެ މައްޗަށް ކުރާ ދައުވާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއަށް ބަދަލުކޮށްފަ އެވެ.