މާލޭ ހެލްތު ކޯޕަރޭޝަންގައި މަސައްކަތް ކުރާ ނަރުހުންނަށް އަމާޒުކޮށްގެން ފޫޅުމައިން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމަށްޓަކައި ގައުމީ ޔުނިވަސިޓީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މާލެ ހެލްތު ކޯޕަރޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ ޔުނިވަސިޓީއާ އެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ ކޯޕަރޭޝަންގެ ދަށުން މަސައްކަތް ކުރާ ފޫޅުމައިންގެ އަދަދު މަދުވެފައި ވާތީ، އިތުރު ފޫޅުމައިން ތަމްރީނު ކުރުމަށްޓަކައި ޕާޓް ޓައިމްކޮށް، ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ.

އެ ކޯހުގައި މާލެ ހެލްތު ކޯޕަރޭޝަންގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން 17 ނަރުހެއް ބައިވެރި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެއީ އައިޖީއެމްއެޗްގެ 14 ނަރުހަކާއި ހުޅުމާލެ ހޮސްޕިޓަލުން ތިން ނަރުހެކެވެ.

މާލެ ހެލްތު ކޯޕަރޭޝަނުން ބުނީ އެ ކޯހުގެ ސަބަބުން ފޫޅުމައިން މަދުވުމުން ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ.