05 Mar 2015, 15:33
ދަރިވަރުންގެ ހިތްތަކުގައި ބަންގި ގޮވުމުގެ ޝައުގުވެރިކަން އުފެއްދުމަށް، ބ. މާޅޮހު ސްކޫލުގެ ހައުސްތަކުގެ މެދުގައި ބަންގި ގޮވުމުގެ މުބާރާތެއް ބާއްވައިފި އެވެ.
މާޅޮހު ސްކޫލުގެ ޕްރިންސިޕަލް އައްބާސް ހުސެއިން މިއަދު 'ސަން' އަށް ވިދާޅުވީ، އެ މުބާރާތަކީ އެ ސްކޫލުގައި އެފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މުބާރާތުގައި ސްކޫލުގެ ތިން ހައުސްގެ ތެރެއިން 30 ދަރިވަރުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށެއްގައި މަސައްކަތްކުރާ އިމާމަކު ބަލިވެގެން ނުވަތަ އެހެންވެސް ކަމެއް ވެގެން މިސްކިތަށް ނާދެވިއްޖެ ނަމަ، ބަންގި ގޮވާނެ މީހަކު ނެތިގެން އުޅެނީ. އަޅުނގަޑުމެންގެ މުބާރާތަކީ ބަންގި ގޮވުމުގައި ދަރިވަރުންގެ ޝައުގުވެރިކަން އުފައްދާ، އެފަދަ ކަންކަމަށް ދަރިވަރުން އުފެއްދުމަށް ބޭއްވި މުބާރާތެއް،" ޕްރިންސިޕަލް އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވާފައި ވަނީ ރަށުގައި މަސައްކަތްކުރާ އިމާމަކާއި ސްކޫލުގެ މުދައްރިސެއް ކަމަށެވެ. އަދި މުބާރާތުގެ ނަތީޖާތައް އިއުލާން ކުރާނީ ފަހުގެ ތާރީހެއްގައި ކަމަށް ވިދާޅުވި އެވެ.
ގްރޭޑް 1 -10 އަކަށް ކިޔަވައިދެމުންދާ މާޅޮހު ސްކޫލުގައި މި އަހަރު 105 ދަރިވަރުން ކިޔަވަމުންދެ އެވެ.