05 Mar 2015, 15:31
ދިރާގުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ދިރާގު މޯލްޑިވްސް ރޯޑްރޭސް"ގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހުޅުވާލައިފި އެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ކޮމިއުނިކޭޝަން ބިޝާރާ ހަމީދު ވިދާޅުވީ މިފަހަރުގެ ރޯޑް ރޭހުގައި ވެސް ބައިވެރިވެވޭނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާ ޖަމިއްޔާތަކަށް ކަމަށެވެ. އެ ޖަމިއްޔާތަކަށް އެ ރޯޑްރޭސް މެދުވެރިކޮށް ފައިސާ ހޯދުމާއި އާމުން ހޭލުންތެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޖަމިއްޔާތަކަށް އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"ޖަމިއްޔާތަކަށް ފުރުސަތުދޭ އިރު ބަލާނީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް ފުރުސަތު ދިނުމަށް،" ބިޝާރާ ވިދާޅުވި އެވެ.
ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއްގެ ގޮތުން އެދުވުމުގައި ބައިވެރިވާ ފަރާތްތަކުން ޓީޝާޓް ވިއްކައިގެންނާއި ދުވާ ބައިވެރިނަށް އެންމެ ކަމުދާ ފަސް ޖަމިއްޔާއަކަށް 20،000 ރުފިޔާގެ ރޭޓޫން ޖުމުލަ 100،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ މިފަހަރުގެ ރޯޑްރޭހަކީ ވެސް ބައިނަލްއަގުވާމީ ދުވުމަކަށްވާ އިރު އެދުވުން ބޭއްވުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ދުވުމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާނީ އަދި ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.
ދިރާގު ރޯޑްރޭހަކީ އިޖްތިމާއީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ދުވުމެކެވެ. މިއީ އެދުވުން ބާއްވާ ނުވަ ވަނަ ފަހަރެވެ.