މަގާމުގައި ހުންނެވި އިރު އަމިއްލަ އީމެއިލް އެކައުންޓެއް ބޭނުން ކުރުމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަން ފެށުމާ ގުޅިގެން އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އޭނާގެ މެއިލްތައް އާންމުނަށް ފެންނަ ގޮތަށް ދޫކޮށްލެވުމަށް އެދިވަޑައިގެންފި އެވެ.

ކްލިންޓަން އޭނާގެ މެއިލްތައް އާންމު ކުރުމަށް ސްޓޭޓް ޑިޕާޓްމެންޓްގައި އިއްޔެ އެދިވަޑައިގެންފައިވާ އިރު އެ ޑިޕާޓްމެންޓުން މިއަދު ބުނެފައި ވަނީ އެ މެއިލް ރިވިއު ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް ދޫކޮށްލާނެ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން މޭރީ ހާފް ވިދާޅުވީ އެ މެއިލްތައް ރިވިއު ކުރާނީ އަބަދުވެސް ކުރާ އާންމު އުސޫލުން ކަމަށާއި އޭގެ މަސައްކަތް ނިމޭނެ ވަގުތެއް ބުނަން އެނގޭނީ މެއިލްގެ އަދަދުން ކަމަށެވެ. އަދި ވީހާ އަވަހަށް މެއިލް ރިވިއުކޮށް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުރަތަމަ ފެންމަތިވީ ނިއުޔޯކް ޓައިމްސް އިން ކްލިންޓަން ދުވަހަކު ވެސް ރަސްމީ މެއިލްއެއް ގެންގުޅެފައި ނުވާ ކަމަށް ބުނުމުންނެވެ. އަދި އަމިއްލަ ޕްރައިވެޓް މެއިލް އިން ރަސްމީ މަސައްކަތްތައް ކޮށްފައިވާ ކަމަށް ވެސް ނިއުޔޯކް ޓައިމްސް އިން ވަނީ ބުނެފަ އެވެ.

ކްލިންޓަންގެ އެ މައްސަލައާ ގުޅިގެން ސްޓޭޓް ޑިޕާޓްމެންޓުގެ ގަވާއިދަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބުނެވޭ ވާހަކައަށް ވައިޓް ހައުސް އިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ޖޯޝް އާނެސްޓް ވިދާޅުވީ ޕްރައިވެޓް މެއިލް އެކައުންޓްތައް ބޭނުންކޮށްފައިވާ ހާލަތުތަކުގައި އެ މެއިލްތައް ސާފުކޮށް ސިއްރުކޮށްފައި ބަހައްޓަން ޖެހޭނެ ކަމަށެވެ.