05 Mar 2015, 14:11
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަކީ ޓެރަރިސްޓެއް ކަމަށް ވެނެޒުއޭލާއިން ރަސްމީކޮށް ކަނޑައަޅައި އޭނާ އެގައުމަށް ދަތުރުކުރުން މަނާކޮށްފިއެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ދަ މިރާ ނޫހުން ބުނީ ބުޝް އާއި އޭނާގެ ނައިބު ޑިކް ޗޭނީ އިރާގާއި ސީރިއާ އާއި ވިއެޓްނާމްގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށެވެ. އަދި އެހެންވެ، އެ ދެމީހުން ވެނެޒުއޭލާއަށް ދަތުރުކުރުން މުޅިން މަނާ ކުރައްވާ ކަމަށް މަދޫރޯގެ ގަރާރުގައި ވެއެވެ.
ގަރާރުގައި މަދޫރޯ އަދި ވިދާޅުވެފައި ވަނީ ވެނެޒުއޭލާއަކީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ މިނިވަން ދައުލަތެއް ކަމަށާއި ބުޝް އާއި ޗޭނީ އަށް އެއްގޮތަކަށް ވެސް ވިސާ ނުދޭ ގޮތަށް އެގައުމުން ނިންމީ އެހެންވެ ކަމަށެވެ.
ބުޝްގެ ސަރުކާރުން 2003 ވަނަ އަހަރު އިރާގު ހިފުމަށް ފަހު އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަން ވަނީ ފަޅާ އަރާފައެވެ. އެގޮތުން އިރާގުގައި އެމެރިކާއިން ގާއިމް ކުރި އަބޫ ޣުރައިބު ޖަލުގައި ހައްޔަރު ކުރި އިރާގުމީހުންނަށް އިންސާނިއްޔަތާ ހިލާފު އެތައް އަނިޔާތަކެއް ދޭ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި ކިއުބާގެ ގުއާންޓެނާމޯގައި އެމެރިކާއިން ހިންގަމުން އަންނަ ޖަލުގައި ވެސް ބުޝްގެ ވެރިކަމުގައި ގިނަ ޖަރީމާތަކެއް ހިންގާފައި ވެއެވެ.