ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބުދުﷲގެ ބައްދަލުކުރެއްވުމުގައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުތައް އާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގަސްތުކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު 'ސަން' އަށް ވިދާޅުވީ، އަދާލަތު ޕާޓީގެ އެދިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އަދާލަތުގެ އިސްވެރިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެޕާޓީގެ ރައީސް ޝެއިހް އިމްރާނު، ރައީސްގެ އަރިހުން އެދިލެއްވި ކަންތައްތައް އިމްރާނުގެ އިއުތިރާޒެއް ނެތް ނަމަ ހާމަކުރެއްވުމަށް ރައީސް ގަސްތު ކުރައްވާ ކަމަށެވެ.

އެކަން އަންގަވައި އިމްރާނަށް ރައީސްގެ ސިޓީފުޅެއް މިއަދު ފޮނުވާފައިވާނެ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، އެގޮތަށް ރައީސް ގަސްތުކުރެއްވީ އެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ގާނޫނާ ހިލާފް ނުވަތަ އިސްލާމްދީނާއި ހިލާފް ކަމެއް ކުރައްވާކަމެއް އިމްރާނު ވިދާޅުވެފައިނުވާއިރު އޭގެ ފަހުން އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ކަމަށެވެ.

އެބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝެއިހް އިމްރާން ވިދާޅުވީ، ރައީސް ޔާމީނާ ބައްދަލު ކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

އެރޭ އިމްރާން ވިދާޅުވީ، ފަހަކަށް އައިސް ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ގިނަ ހައްގުތަކެއް މިއަދުގެ ސަރުކާރުން ހަނިކޮށްފައިވާ ކަމަށާއި ސަރުކާރު ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.