05 Mar 2015, 13:06
ދިވެހި ރާއްޖެއަކީ ސްރީލަންކާ އަށް އިތުރުކޮށްފައިވާ ބައެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ސިފަކުރައްވައިފި އެވެ.
ސްރީލަންކާ ޕާލަމެންޓްގައި އިއްޔެ ކުރި ބަހުސެއްގައި ރަނިލް ވިދާޅުވެފައި ވަނީ ލަންކާގެ ކުރީގެ ސަރުކާރުން އައްޑޫ ސިޓީގައި މަގެއް ތަރައްގީ ކޮށްދިނުމަށް ކުރި މަސައްކަތް ޓެންޑާ ނުކޮށް ބަޔަކާ ހަވާލުކުރީ ވެސް އެގޮތުން ކަމަށެވެ.
"...ދިވެހި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ވަނީ މަގެއް ހަދައި ދެވިފައި. ރަނގަޅު. ދިވެހި ރާއްޖެއަކީ ސްރީލަންކާ އަށް އިތުރުކޮށްފައިވާ ބައެއް. ޓެންޑާ ކުރުމަކާ ނުލައި ސްރީލަންކާގައި ކަންތައްތައް ހިނގާ ނަމަ ދިވެހި ރާއްޖޭގައި ވެސް އެކަން ހިނގާނެ،" ރާއްޖޭގައި މަގު ހެދުމުގެ މަސައްކަތް ޓެންޑާ ނުކޮށް ހަވާލުކުރި މައްސަލައާއި އެކަމަށް ލަންކާއިން ރާއްޖެއަށް ހިލަ އެތެރެކުރި މައްސަލައިގެ ބަހުސްގައި ރަނިލް ވިދާޅުވެފައިވެ އެވެ.
ލަންކާގެ ވާތުފިޔައިގެ ޖޭވީޕީގެ ލީޑަރު އަނޫރާ ޑިސަނައިކައާ އެކު ރަނިލް ސިންގަޅަ ބަހުން ކުރެއްވި އެ ބަހުސް އިނގިރޭސި ސަބްޓައިޓްލްއާ އެކު މިހާރު ވަނީ ޔޫޓިއުބްގައި ހިއްސާކޮށްފަ އެވެ. ސްރީލަންކާގެ ބައެއް ނޫސްތަކުން ވެސް އެވާހަ ވަނީ ކޮންމެވެސް ވަރަކަށް ދައްކާފަ އެވެ. ރަނިލް އެވާހަކަ ދެއްކެވީ ކޮން ވިސްނުންފުޅެއްގައި ކަމެއް އަދި ނޭނގެ އެވެ.