އެމްޑީޕީ-ޖޭޕީ އިން އެއްވާ އެއްވުންތަކުގައި މާލެ ސިޓީ ކައުންސިލް ކައިރިއަށް ގޮސް އެއްވަނީ ސަލާމަތީ ބާރުތަކަށް އުނދަގޫ ނުކުރުމަށް ކަމަށް ބުނެ، ފުލުހުންގެ ނިންމުމަށް އެމްޑީޕީ އިން ރައްދުދީފި އެވެ.

އެމްޑިޕީގެ ޗެއާ ޕާސަން އަލީ ވަހީދު މިއަދު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގައި އެއްވުން މަނާ ތަންތަން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލު ކައިރިއަށް ގޮސް އެއްވަނީ އެ ގާނޫނަށް ކަމޭހިތުމުގެ ގޮތުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްވެ އުޅެވޭ ސަރަހައްދެއްގައި ރައްޔިތުން އެއްވެ އުޅޭ އިރު އެކަން މަނާ ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

"އެމްޑީޕީއަކީ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހޯދައިދިން ޕާޓީ. ދެން ފެނިގެން މި ދަނީ ހުރިހާ ބާރެއް އެއްކޮށްގެން އުޅޭތީ ވާގޮތް. އެހެންނަމަވެސް ދަންނަވާލަންތޯ، އެމްޑީޕީ އިން ސުލްހަވެރި އެއްވުންތައް މި މާލޭގައި ވެސް އަދި މުޅި ރާއްޖޭގައި ވެސް ކުރާނެ. އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރަށް [ރައީސް ނަޝީދު] ބޭނުންހާ އެއްޗެއް ހަދަމުންދާ އިރު ސަރުކާރުން ހަމަ އެއްޗެއް ބުނެލާއިރަށް ގެއަކަށް ނުވަންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލް ސަރަހައްދުގައި ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ އެއްވުންތަކާ ގުޅިގެން އެ ސަރައްދުގައި ދިރިއުޅޭ މީހުންގެ އާއްމު ދިރުއުޅުމަށާއި އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިކުރާ ފަރާތްކުން އަންނަނީ ފުލުހުންނަށް ޝަކުވާ އުފުލައި އެ ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެދެމުން ކަމަށެވެ.