16 Feb 2011, 17:36
ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުން އިނާޔަތެއްގެ ގޮތުގައި މައާފުކޮށްދޭ 30 ޕަސެންޓްގެ އިނާޔަތް ބޭނުންކޮށްގެން ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކުންފުންޏަކުން 2.1 މިލިއަން ރުފިޔާގެ ޑިއުޓީ އިނާޔަތް ހޯދާފައިވާ ކަމަށް ކަސްޓަމްސްގެ އޮފިޝަލަކު ކަށަވަރުކޮށްދީފި އެވެ.
އެ އޮފިޝަލް ނަން ހާމަ ކުރުމަށް އުޒުރުވެރިވެ، މިއަދު ވިދާޅުވީ އެމްސީ ވެއާ މޯލްޑިވްސްގެ ފަރާތުން ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހަ ޝިޕްމަންޓްގެ ސިނގިރޭޓް އައްޑޫ ބަނދަރާއި ކުޅުދުއްފުށީ ބަނދަރަށް ބާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ 400 ކޭހުގެ ފުރަތަމަ ޝިޕްމަންޓް އައްޑޫ ބަނދަރަށް ބާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކަމަށާއި އަނެއް ފަސް ޝިޕްމަންޓަކީ މި އަހަރު ބާލާފައިވާ ޝިޕްމަންޓްތައް ކަމަށެވެ.
ސަރަހައްދީ ބަނދަރުތަކަށް ބޭލި ސިނގިރޭޓުގެ ތެރެއިން 400 ކޭހުގެ ދެ ޝިޕްމެންޓެއް ފިޔަވައި އަނެއް ހަތަރު ޝިޕްމަންޓް ބާލާފައި ވަނީ އައްޑުއަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ސިނގިރޭޓަށް ޑިއުޓީ ނަގަނީ، ކޮންމެ ސިނގިރޭޓަކަށް 30 ލާރީގެ ރޭޓުންނެވެ.
ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުން 30 ޕަސެންޓްގެ ޑިއުޓީ މައާފުކޮށް ދިނުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ.
ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްވާން މިއަދު ވިދާޅުވީ ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުގެ 30 ޕަސެންޓް ޑިއުޓީން އުނިކުރަން ފެށިފަހުން އެންމެ ގިނަ އިން އެ ބަނދަރުތަކަށް ގެންދަނީ ހިލަވެއްޔާއި ކާރު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބަނދަރުތަކަށް ގެންދާ މުދަލަށް ލުޔެއް ނުދޭ ނަމަ އެ ބަނދަރުތައް ކުރިއަރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އަދި ސިނގިރޭޓް ފަދަ ކޮންޓްރޯލް މުދަލުން ޑިޔުޓީ މާފުވެ އޭގެން މުޖުތަމައަށް ގެއްލުންވާ ނަމަ އެކަމުގައި ފިޔަވަޅު އަޅުއްވަން ޖެހޭނީ ޒިންމާދާރު މުއައްސަސާތަކުން ކަމަށެވެ.
"އަޅުގަނޑުމެން ނަކީ އެންފޯސްމަންޓް ބޮޑީއެއް. އެހެން ނޫނަސް ސިނގިރޭޓަކީ މަނާ އެއްޗެއް ނޫން. ކޮންޓްރޯލް އެއްޗަކަށް ވީމަ ހެލްތު މިނިސްޓްރީ ކަހަލަ ތަނަކުން އޭގެ ޒިންމާ ނަގަން ޖެހޭނީ،" އަޝްވާން ވިދާޅުވި އެވެ.