05 Mar 2015, 12:28
ސިޓީ ކައުންސިލް ސަރަހައްދުގައި ކޮންމެ ރެއަކު އެމްޑީޕީން ބާއްވަމުން އަންނަ އެއްވުން އެ ސަރަހައްދުގައި ނުބޭއްވުމަށް ފުލުހުން އަންގައިފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލް ސަރަހައްދުގައި ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ އެއްވުންތަކާ ގުޅިގެން އެ ސަރައްދުގައި ދިރިއުޅޭ މީހުންގެ އާއްމު ދިރުއުޅުމަށާއި އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިކުރާ ފަރާތްކުން އަންނަނީ ފުލުހުންނަށް ޝަކުވާ އުފުލައި އެ ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެދެމުން ކަމަށެވެ.
މަޖީދީމަގުގައި ސިލްސިލާކޮށް މިހާރު ބާއްވަމުން އަންނަ އެއްވުންތައް ބާއްވާ ވަގުތަކީ އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ މުހިއްމު ވަގުތު ކަމަށާއި ކޮންމެ ރެއަކު ސިލްސިލާކޮށް އެއްވުންތައް އެ ސަރަހައްދުގައި ބޭއްވުމުން މަގުތައް ބަންދުވެ އެއްގަމު ދަތުރުތަކަށް ހުރަސް އެޅި، ހިނގާ ބިގާވުމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެސަރަޙައްދަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މިހާލަތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމަށް ފުލުހުން ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން މިހާރު މަޖީދީމަގު ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދުގައި ކޮންމެ ރެޔަކު ސިލްސިލާކޮށް ބާއްވާ އެއްވުން، މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑުގެ 8:00 އާއި 12:00 ދެމެދުގެ ވަގުތުގައި މަޖީދީމަގުގެ ގަލޮޅު ދަނޑާއި ޗާންދަނީމަގާ ދެމެދު ހިމެނޭ ސަރަހައްދާއި އަލިކިލެގެފާނު މަގުގައި ނުބޭއްވުމަށް އެއެއްވުން އިންތިޒާމްކުރާ ފަރާތްތަކާއި އެއްވުމުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެ އުޅުމުގެ ގާނޫނޫގެ 41 ވަނަ މާއްދާގެ (ކ) އިން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ވަނީ އަންގާފަ އެވެ.