05 Mar 2015, 12:13
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވާފައި ވާކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިސްލީޑަރުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމަށް ހައްލެއް ގެނައުމަށް ހޯމް މިނިސްޓަރަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާއަށް އެކަން ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަށްވަން ހުށަހެޅުމުން އަދި އެފުރުސަތު އެ ދެ ޕާޓީއަށް ލިބިފައިނުވާކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި އެގޮތުން ގުޅުންތައް ރަނގަޅުކުރަން ސަރުކާރުން ދައްކަން ހުރި ވާހަކަތައް އަޑުއަހަން، އިދިކޮޅު ފަރާތްތަކުން ތައްޔާރަށް އޮތް ވާހަކަ މިނިސްޓަރު އުމަރަށް ދައްނަވާފައިވާނެ ކަމަށެވެ.

"މިވަގުތު ރާއްޖޭގައި މިއޮތް ސިޔާސީ ހަލަބޮލިކަމާއި ވާދަވެރިކަމުގެ ނަފްރަތު ހުރި އިންޓެންސް މިންވަރު އަޅުގަނޑުމެން މަޝްވަރާ ކުރިން،" އަލީ ވަހީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ އެބޭފުޅުންގެ ތެރޭގައި ދައްކަވަންޖެހޭ ވާހަކަތައް މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެންނަށް ޖަވާބު ލިބޭނެ ކަމަށް".
އެހެން ހައްލެއް ސިޔާސީ މަސްރަހަށް ނާންނައިރު އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ބައްދަލުވުމުގެ ތަފްސީލަކަށް އެދި ނޫސްވެރިން ސުވާލު ކުރުމުން "މީޑިއާ މެދުވެރިކޮށް ދެ ފަރާތުން ވާހަކަ ދައްކަން ބޭނުމެއް ނޫން" ކަމަށް ވިދާޅުވެ އެއްވެސް ތަފްސީލެއް އެބޭފުޅުން ނުދެއްވި އެވެ.
އެ ބައްދަލުކުރެއްވުމާ ގުޅިގެން މިނިސްޓަރު އުމަރަށް ސުވާލެއް ދެންނެވުމުން ވަކި އެއްޗެއް ދައްނަވަން ބޭނުން ފުޅުނުވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން މިހާރު ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ސިޔާސީ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތަކާއި އެހެނިހެން ބައެއް ކަންކަމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށެވެ.