05 Mar 2015, 12:10
ފުރަގަސް ފަރާތުގައި ފޮރުވައިގެން ވައިގެމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ޕާކިސްތާނު މީހަކު ހައްޔަރު ކޮށްފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ މިިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި ސްރީލަންކަންގެ ފުލައިޓަކުން ރާއްޖެ އައި މީހެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ޕާކިސްތާނުގެ 69 އަހަރުގެ މީހެކެވެ.
ކަސްޓަމްސް އިން ބުނީ ޕާކިސްތާނު މީހާ ހައްޔަރު ކޮށްފައި ވަނީ، ކަސްޓަމްސްގެ އޮފިސަރުން އެމީހާއާ ސުވާލުކޮށް އޭނާގެ ހަށިގަނޑުގެ އެތެރޭގައި އެފަދަ އެއްޗެއް ފޮރުވާފައި ހުރެދާނެ ކަމަށް ބެލެވިގެން ހޮސްޕިޓަލަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ކަމަށެވެ. އޭނާގެ ފުރަގަސްފަރާތަށް ލައްވާފައި ހުރި ފަސް ބުލެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އެ ބުލެޓްތައް ނަގައި އޭގައި ހުރި ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވެފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެތަކެތީގެ ބަރުދަނުގައި 50 ގުރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.