ރާއްޖޭގެ އިގްތިސާދު ފާއިތުވި އަހަރު ފަސް ޕަސެންޓް ކުރިއަރާފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފުން ރާއްޖެއާ ބެހޭގޮތުން އިއްޔެ ނުރެނު ރިޕޯޓެއްގައި ބުނެފައި ވަނީ އޭޝިއާގެ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. މީގެ އިތުރުން ޔޫރަޕްގެ އިގްތިޞާދު ރަނގަޅުވަމުން އައުމުގެ ސަބަބުން ވެސް ފަތުރުވެރިކަމަށް އޭގެ ހެޔޮ އަސަރުކޮށްފައިވާ ކަަމަށެވެ.

މުދަލާއި ހިދުމަތުގެ އަގު ޖުމްލަގޮތެއްގައި ހެޔޮވެފައިވާ ކަަމަށް މި ރިޕޯޓްގައި ވެއެވެ. މިއީ އިމްޕޯޓްގެ އަގު ހެޔޮވެފައިވާތީ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގައި ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެފައިވާ ވުމާއި ކާބޯތަކެއްޗާއި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އަގު ހެޔޮވުމުގެ ސަބަބުން ކަރަންޓު އެކައުންޓު ޑެފިސެޓް ވަނީ ކުޑަވެފައެވެ.

ރާއްޖޭގެ ގްރޮސް އޮފިޝަލް ރިޒާވްގައި މިހާރު ހުރީ 2.8 މަހަށް އިމްޕޯޓް ކުރެވޭ ވަރަށް ކަމަށް ވެސް އައިއެމްއެފުން ބުނެއެވެ. އެއީ 614 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ދަރަނި ބޮޑުވަމުންދާތީ މި ރިޕޯޓްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން ދައުލަތުގެ ދަރަނި ގައުމީ އުފެންދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ފާއިތުވި އަހަރު ހުރީ 75 އިއްސައްތައިގައެވެ.

މި އަހަރުގެ ބަޖެޓްގައި ރާއްޖޭގެ ޑެފިސިޓް ކުޑަކުރުމަށް ރަނގަޅު ފިޔަވަޅުތައް އަޅާފައިވާ ކަމަށް އައިއެމްއެފުން ފާހަގަކުރައެވެ. މީގެ ތެރޭގައި ގްރީން ޓެކްސް ނެގުމާއި އިމްޕޯޓް ޑިއުޓީ ބޮޑުކުުރުމާއި ސްޕެޝަލް އިކޮނަމިކް ޒޯން އުފެއްދުމާއި ހަރުދަނާ ގޮތެއްގައި ސަބްސިޑީ ދިނުމަށް ކުރާ މަސައްްކަތް ހިމެނޭ ކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ދަރަނި ކުޑަކުރުމަށްޓަކައި އިތުރު މަސައްކަތްތައް ކުރަންޖެހޭ ކަަމަށް އައިއެމްއެފުން ބުނެއެވެ.

އިގްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތައް ހަރުދަނާ ކުރުން މުހިއްމު ކަމަށާއި ހަމައެއާއެކު ޒުވާނުންނަށް ވަޒީފާގެ ދަތިކަމުގެ މައްސަލަ ހައްލުކުރަންޖެހޭ ކަމަށް އައިއެމްއެފުން ބުނެއެވެ. މި ފަދަ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ދިގު މުއްދަތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފާވެއެވެ.

މި ރިޕޯޓް ނެރެފައި މިވަނީ އައިއެމްއެފް ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަށްފަހު، ކަމާ ބެހޭ އިދާރާތަކާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްގެންނެވެ.