އިންޑިއާގެ ފިލްމުތަކަށް ޖަޕާނުގައި ބެލިންތެރީންގެ ތަރުހީބު ބޮޑުވެ، ސައިފް އަލީ ހާން ޕްރޮޑިއުސް ކޮށްފައިވާ ފިލްމް، "ގޯ ގޯއާ ގޯން" މިމަހުގެ ތެރޭގައި ޖަޕާނުގެ ސްކްރީންތަކުގައި އަޅުވަން ނިންމައިފި އެވެ.

ބޮލީވުޑްގެ ބޮކްސް އޮފީހުން އެކަށީގެންވާ ތަރުހީބެއް ނުލިބުނު، އެ ފިލްމް ޖަޕާނުގައި އަޅުވަނީ، "ރޮބޮޓް"، އޮމް ޝާންތި އޮމް" އަދި "އިންގްލިޝް ވިންގްލިޝް" ފަދަ ފިލްމުތައް އެގައުމުގައި އަޅުވާފައިވާ އީރޮސް އިންޓަނޭޝަންލުންނެވެ.

"ކުރިން އެޅުވި ކާމިޔާބު ފިލްމުތަކުގެ ސަބަބުން، އިންޑިއާގެ ފިލްމުތަކަށް ޖަޕާނުން ދަނީ ރަނގަޅު ތަރުހީބެއް ލިބެމުން. އަދި އެ ތަރުހީބު ހުއްޓުމެއްނެތި ލިބި، އަލަށް އަޅުވާ ފިލްމުތަކަށް ވެސް ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކުރަން،" އީރޯސް އިންޓަނޭޝަނަލްގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ ރައީސް ކުމާރު އަހޫޖާ ބުނެފައިވެ އެވެ.

ރާޖު ނިދިމޮރު އަދި ކްރިޝްނާ ޑީކޭ ޑައިރެކްޓްކޮށް، 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރިލީޒްކުރި ހިންދީ ޒޮންބީ ކޮމެޑީ ފިލްމު "ގޯ ގޯއާ ގޯން" އަކީ ބޮލީވުޑްގެ ބޮކްސް އޮފީހުގެ ފްލޮޕެކެވެ. އެ ފިލުމުގައި ސައިފުގެ އިތުރުން، ދެން ފެނިގެންދަނީ ކަނުލް ކެމޫ އާއި ވިރް ދާސް ގެ އިތުރުން ޕޫޖާ ގުޕްތާ އަދި އާނަންދް ތިވާރީ އެވެ.