05 Mar 2015, 11:27
ސްރީލަންކާއާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ރަނގަޅު ކުރުމަށް ޓަކައި އެގައުމުގެ ބައެއް ސިޔާސީ ބޭފުޅުންނަށް ސްރީލަންކާގެ ކުރީގެ ސަރުކާރުން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއް ބަލަން ލަންކާ ސަރުކާރުން ނިންމައިފި އެވެ.
ޗެނަލް ނިއުސް އޭޝިއާ ބުނީ، ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތަކާ ގުޅޭ ގޮތުން އެމެރިކާ ގެންގުޅޭ ސިޔާސަތު މަޑު މައިތިރި ކުރުމަށް ކުރީގެ ސަރުކާރުން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލަ ބަލާނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި ކަމަށެވެ.
"... އަހަރެމެން ބަލާނަން (އެކަމުގައި) އެމެރިކާގެ ގާނޫނުތަކާ ހިލާފުވެފައި ވޭތޯ ވެސް. އަހަރެން މި އަންގަނީ ފޮރިން މިނިސްޓްރީ އަށް، ރަނގަޅު ތަހުގީގެއް ކުރަން. އަދި އެމެރިކާ މީހުންނަށް މިކަމާ ބެހޭ މައުލޫމާތު ދިނުމަށް، " ވިކްރަމަސިންހަ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ލަންކާ ފޮރިން މިނިސްޓަރުގެ ނައިބު އަޖިތު ޕެރޭރާ ވިދާޅުވެފައި ވަނީ އެމެރިކާގެ އޮފިޝަލުންނަށް ނުފޫޒު ފޯރުވުމަށް ލޮބީ ފާމްތަކުން ވަކި އަދަދެއް ނޭނގޭ ގޮތަށް ފައިސާ ދީފައިވާ ކަން ރަސްމީ ލިޔެ ކިއުންތަކުން ފެންނަން ހުރި ކަމަށެވެ. ނަމަވެސް ވަކި ބޭފުޅުންތަކެއްގެ ނަންތަކެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ސްރީލަންކާގެ އަހުލީ ހަނގުރާމައިގެ ތެރޭގައި ތަމަޅައިންގެ އާއްމުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުތައް ކުރެވުނެވެ. އަދި އެކަމާ ގުޅިގެން ހައެއްކަ ލޮބީ ފާމަށް އެގައުމުން ފައިސާ ހަރަދުކުރިކަން ވަނީ ފަޅާ އަރާފައެވެ.