05 Mar 2015, 11:02
އިނގިރޭސި ޕްރިމިއާ ލީގު ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑް، ލީގު ތާވަލްގެ ހަތަރު ވަނައަށް ޖެހިލިއިރު، ތާވަލްގެ ތިންވަނައިގައި އޮތް އާސެނަލްވެސް އެ ޓީމު ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، އެ ޓީމްގެ އެއް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ރޭގެ ކާމިޔާބީ އާއެކު ޔުނައިޓެޑް ވަނީ މިހާތަނަށް ލީގުގައި 53 ޕޮއިންޓު ހޯދައި، ތާވަލްގެ ހަތަރު ވަނައިގެ މީގެކުރިން އޮތް ލިވަޕޫލްގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. އަދި 54 ޕޮއިންޓާއެކު އާސެނަލް ތިންވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ސިޓީއާ އެ ޓީމާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.
ޔުނައިޓެޑް ތިން ޕޮއިންޓް ރޭ ހޯދީ، ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެމުން ދިޔަ ޔުނައިޓެޑަށް ފުރަތަމަ ހާފްގައި ކުރި ހޯދަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، ޑި މާރިއާ ދިން ޕާހުގެ ބޭނުން ރޫނީއަށް ވަނީ ހިފޭގޮތް ނުވެފައެވެ.
އެ ހާފްގެ ފުރަތަމަ ވަގުތުކޮޅު ޔުނައިޓެޑްގެ ޕެންލަޓީ އޭރިއާ ތެރޭން އެ ޓީމްގެ ސްމޯލިންގް ނިއުކާސްލްގެ ރިވެރީއަށް ކުރި ފައުލަކާ ގުޅިގެން ނިއުކާސްލް ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް، ރެފްރީ އެ އެޕީލް ބަލައިގެންފައެއް ނުވެއެވެ.
ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ނިއުކާސްލް އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި ރިވެރީ ކުރިއަށް ފޮނުވާލި ބޯޅަ ދިފާއު ކުރީ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ އެވެ. އޭގެ ވަގުތުކޮޅެއް ފަހުން ޔުނައިޓެޑްގެ ފެލާނީ އާއި ޔަންގް ވަނީ ނިއުކާސްލްގެ ކީޕަރު ކްރޫލްއަށްވެސް ނުރައްކާތެރި ދެ ހަމަލާ ދިފާއުކުރަން މަޖުބޫރު ކުރުވާފައެވެ.
މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކުރެވުނީ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮނެވެ. ނިއުކާސްލްގެ ކީޕަރު ކްރޫލްއަށް ދެވުނު މިސްޕާހެއްގެ ބޭނުން ހިފާ، އެ ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ އޭޝްލީ ޔަންގް އެވެ.
ރޭ ކިއުޕީއާރްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެޓީމު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު ރަނގަޅު ކުޅުމެއް ދެއްކީ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ކިއުޕީއާރް އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހުކޮޅު އާސެނަލް ވަނީ ފޯމަކަށް އެޅި ކުޅުން ރަނގަޅު ކޮށްފައެވެ.
މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮލީވިއަރ ޖިރޫ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެލެކްސިސް ސަންޗޭޒް ކާމިޔާބުކުރި ލަނޑާއެކު އާސެނަލް ވަނީ އިތުރަށް ލީޑު ފުޅާކުރިއެވެ.
ދެވަނަ ހާފްގައި އާސެނަލް، ގޭމް ކޮންޓްރޯލް ކުރަމުން ދިޔަނަމަވެސް، 82 ވަނަ މިނެޓުގައި ކިއުޕީއާރްގެ އޮސްޓިން ކާމިޔާބު ކޮށްދިން ލަނޑާއެކު އެ ޓީމް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްލާފައެވެ. އެ ލަނޑާއެކު އާސެނަލް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅެން ފެށުމުން، މެޗުގެ ފަހު ވަގުތުކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ކިއުޕީއާރްއަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.