ގއ. ވިލިނގިލީގައި ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 10:45 ހާއިރު ހިންގި އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެ، ވިލިނގިލީ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށެވެ.

ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެރަށު ހޮސްޕިޓަލުން ލިބިފައެއް ނުވެ އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު މިއަދު ވިދާޅުވީ، ރޭ އެމާރާމާރީ ހިނގަން މެދުވެރިވީ، އަންހެން ކުއްޖަކު ވަގަށް ފޯނެއް ނެގިކަމަށް ތުހުމަތުކޮށް، ދެ ފިރިހެނަކު ގޮސް އެ އަންހެން ކުއްޖާގެ ގައިގައި ތަޅައިގަތް ހިސާބުން ކަމަށެވެ. އަދި އަންހެން ކުއްޖާ ސަލާމަތް ކުރަން އެތަނަށް ދިޔަ އެ އަންހެން ކުއްޖާގެ ފިރިހެން ކޮއްކޮއަށް ވެސް އަނިޔާވި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ނަމަވެސް އެމާރާމާރީގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލެއް ކައުންސިލުން ވެސް ސާފެއްނުވި އެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.