ސިކުނޑިއަށް ކެންސަރު ޖެހިފައިވާ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ދެކެމުން ދިޔަ ހުވަފެނެއް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޓޭލާ ސްވިފްޓް ފުރިހަމަ ކޮށްދީފި އެވެ.

އެމެރިކާގެ ސިޓީއެއް ކަމަށްވާ، ސެން އެންޓޯނިއޯ އަށް އުފަން ޖެލީން ސަލީނާ އަށް ޖެހިފައިވާ ކެންސަރު ބަލީގެ ސަބަބުން އޭނާގެ ހާލު ދެރަވެ، ހިނގާ ބިނގާވެ ނޫޅެވެ އެވެ. އަދި ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރުން ދިނީ މަދު ދުވަސްކޮޅެކެވެ.

ނަމަވެސް، މަރުވުމުގެ ކުރިން ދުނިޔޭގައި ކުރަން ބޭނުންވި ކަންތައްތަކުގެ ލިސްޓެއް އޭނާ ހެދި އެވެ. ސްނޯމޭން ހެދުމާއި ސްކޫލަށް ދިއުން ފަދަ ކަންތައްތަކުގެ އިތުރުން ޓޭލާ ސްވިފްޓާ އެކު އޭނާގެ ލަވަ، "ޝޭކް އިޓް އޮފް" އަށް ނަށާލުމަކީ ޖެލީން ދެކެމުންދިޔަ ހުވަފެނެކެވެ.

ޖެލިންގެ ހުވަފެންތައް ފުރިހަމަކޮށްދޭން އޭނާގެ އާއިލާ އިން ބުރަކޮށް މަސައަތްކުރި އެވެ. އެގޮތުން، ޓޭލާ ސްވިފްޓްގެ ސަމާލުކަން ހޯދުމަށް "ޝޭކް އިޓް އޮފް ޖެލީން" ޖެހުމަށް ފަހު ހޭޝްޓެގެއް ހެދި އެވެ. އަދި ލަސްތަކެއް ނުވެ، ޖެލީންގެ މަންމަ، ޖެނީފާ އެރިއާގާ އަށް ޓޭލާ ސްވިފްޓް ގުޅި އެވެ.

"މިއީ އެހާ ރަނގަޅު ރެއަކަށްނުވީތީ ދެރަވަން. ޖެލީން އާ ވާހަކަދައްކާލަން ލިބުމުން ވަރަށް އުފާވެއްޖެ. އަދި 'ޝޭކް އިޓް އޮފް" ލަވަ ރީތި ވުމުން ވެސް އުފާވެއްޖެ. މިރޭ ޖެލީން ވަރަށް ރީތި. އަސްލު ވެސް ވަރަށް ރީތި،" ވީޑިއޯ މެދުވެރިކޮށް ވާހަކަދެއްކޭ އެޕް، ފޭސްޓައިމް މެދުވެރިކޮށް ޓޭލާ ސްވިފްޓް ޖެލީން ކައިރީގައި ބުންޏެވެ.

ނަމަވެސް، 20 މިނެޓުގެ އެ ވަގުތުކޮޅުގައި ޓޭލާ އަށް ޖަވާބު ދެވޭ ވަރަށް ވުރެ ޖެލީންގެ ހާލު ދެރަކަމުން އެހާ ގިނަ ވާހަކައެއް އޭނާއަކަށް ނުދެއްކުނެވެ.