ކޮރެއާގެ ކެޕިޓަލް ސޯލްގައި ބޭއްވި ހެނދުނުގެ ނާސްތާ ފޯރަމްއެއްގައި ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް، ދެކުނު ކޮރެއާ އަށް ހަމަޖައްސާފައިވާ އެމެރިކާގެ އެމްބެސެޑަރު މާކް ލިޕާޓްގެ މޫނުގައި ކޮރެއާ މީހަކު ވަޅި އަޅައިފި އެވެ.

"ކޮރެއަން ރީޔުނިފިކޭޝަން" އާ ބެހޭ ގޮތުން ބޭއްވި އެ ފޯރަމްގައި ލިޕާޓްގެ މޫނުގައި ވަޅި އަޅާފައިވީ ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މޫނުގައި ވަޅި އަޅާފައިވާ ހިސާބުން ގިނައިން ލޭ އައި ކަމުގައިވި ނަމަވެސް އޭނާ ކޮޅަށް ހުންނަވައިގެން ހިންގަވާފައި ވަޑައިގަތް ކަމަށް މަންޒަރު ދުށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި ލިޕާޓް މިހާރު ރަނގަޅު ކަމަށާއި އެ ޒަހަމަކީ ފުރާނައަށް ނުރައްކާތެރި ޒަހަމެއް ނޫން ކަމަށެވެ.

ވަޅި އަޅާފައި ވަނީ 55 އަހަރުގެ މީހެއް ކަމަށްވާ ކިމް ކީ ޖޮންގް އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު 2010 ގައި ވެސް އޭނާ ވަނީ އެފަދަ އަމަލެއް ހިންގާފަ އެވެ. އެ ފަހަރު އޭނާ ހިންގި އަމަލަކީ ސޯލް އަށް ހަމަޖައްސާފައިވާ ޖަޕާނުގެ އެމްބެސެޑަރުގެ ގަޔަށް ކޮންކްރީޓް ގަނޑެއް ޖަހުމެވެ.

އެމެރިކާ ސަފީރުގެ ގައިގައި ވަޅި އެޅި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެކަންތައް ކުށްވެރި ކުރައްވާފަ އެވެ.

ފުލުހުންގެ ބަންދަށް ގެންދިޔުމަށް ފަހު ސުވާލު ކުރުމުން ކިމް ބުނީ އޭނާ ހިންގާފައިވާ އަމަލުގައި އިތުރު ފަރާތަކުން ބައިވެރިވެފައި ނުވާ ކަމަށެވެ. ދެކުނު ކޮރެއާގެ އެޖެންސީތަކުން ރިޕޯޓު ކުރާ ގޮތުގައި އޭނާ އަކީ އެމެރިކާ އެމްބަސީގެ ދިދަ އަންދާލުމަށް ގްރޫޕެއްގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

މިއަދު ބާއްވާފައިވާ ފޯރަމް ރޭވުމުގެ ކަންތައް ކުރުމުގައި ކިމް އަކީ އެ ފޯރަމް ރޭވުމުގައި ހަރަކާތްތެރިވެ އުޅުނު މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ ސަފީރަށް ހަމަލާ ދިނީ މޭވާ ކޮށަން ގެންގުޅުނު ވަޅިންނެވެ.

މައުލޫމާތު: ސީއެންއެން