05 Mar 2015, 10:11
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ޝޯ، "އައިޓީބީ ފެއާ"ގެ އަންނަ އަހަރު (2016 ވަނަ އަހަރު)ގެ ޕާޓްނަރަކަށް އަދި މެއިން ސްޕޮންސަރަކަށް ރާއްޖެ ހަމަޖެހިއްޖެ އެވެ.
މިކަން ވަނީ ބާރލިން ފެއާގެ ރަސްމީ ވެބްސައިޓް ގައި ހާމަކޮށްފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އައިޓީބީ ފެއާގެ 2016 ވަނަ އަހަރުގެ ޕާޓްނަރަކަށް ރާއްޖެ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: އެމްއެމްޕީއާުރުސީ
މި އެއްބަސްވުމުގެ ސަބަބުން އަންނަ 2016 ވަނަ އަހަރުގެ ބާލިން ފެއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއްގައި ރާއްޖޭގެ ނަން ހިމެނޭނެއެވެ.
މީގެ އިތުރުން 2016 ވަނަ އަހަރުގެ ފެއާގައި ކޮންމެ ސްޓޭންޑެއްގައި ރާއްޖެ އިސްތިހާރުވެގެންދާނެ އެވެ. މީގެ އިތުރުން ވެސް މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޖަރުމަނުގައި ކުރިޔަށްދާ ބާލިން ފެއާގައި ރޭގަ ވަނީ މޯލްޑިވިއަން ނައިޓް ބާއްވާފައެވެ. މޯލްޑިވިއަން ނައިޓްގައި ވަނީ ދިވެހި ލަވަޔާއި އެކު ސާގާފީ ނެށުން ދައްކުވައިދީފައެވެ.

ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޭންޑްގައި ސަގާފީ ނެށުމެއް ހުށަހަޅައިދެނީ -- ފޮޓޯ: އެމްއެމްޕީއާުރުސީ
މޯލްޑިވިއަން ނައިޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަަމަށް އެމްއެމްޕީއާރުސީގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދިނެވެ.
މި ފެއާގައި ރާއްޖޭގެ 75 ކުންފުންޏަކުން 194 ބޭފުޅުން ބައިވެރިވަޑައިގެންނަވައެވެ. ރާއްޖޭގެ ޑެލިގޭޝަންގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޒިޔަތެވެ.
މި ފަހަރު އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ އެހެން އަހަރުތަކާއި ތަފާތުކޮށް ބަލުތަކެއް ގެނެސްފައެވެ. ސްޕެއިން ކުންފުންޏަކުން ތައްޔާރުކޮށްފައިވާ މި ފަހަރުގެ ސްޓޭންޑް ވެގެންދާނީ ޒަމާނީގޮތަކަށް ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ސްޓޭންޑަކަށް ކަމަށް އެމްއެމްއާރުޕީސީން މައުލޫމާތުދެއެވެ.

ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޭންޑްގައި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައި ދެނީ -- ފޮޓޯ: އެމްއެމްޕީއާުރުސީ
މި ސްޓޭންޑްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކުވައިދިނުމުގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދައްކާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖޭގެ ކެއްކުންތެރިކަމާއި ދިވެހި ހެދިކާގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް އެ ސްޓޭންޑުން ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.