ރިޔާޟް (މާޗް 5) : ސައޫދީ އަރަބިޔާއަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައިފި އެވެ.

ްއެ ބައްދަލުވުމުގައި ދެ ބޭފުޅުން އިސްކަން ދެއްވީ ދެގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާ ބެހޭ މަޝްވަރާތަކަށް ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނަވާޒް ޝަރީފު ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒް އަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

ނަވާޒް ޝަރީފުގެ މިދަތުރުފުޅުގައި ސައޫދީ އަރަބިޔާ އާއި ޕާކިސްތާނާ ދެމެދު އިގްތިސާދާއި ވިޔަފާރިއާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ސައޫދީ ވަލީއުލްއަހްދު މުގްރިން ބިން އަބްދުލްއަޒީޒް އާ ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާ ނަވާޒް ޝަރީފް ވަކިވަކިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުލިބެ އެވެ. (ސައޫދީ މީޑިއާ)