ގާހިރާ (މާޗް 5): މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ބައިނަލްއަގްވާމީ ބައްދަލުވުންތަކާބެހޭ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިސްރުގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން މި ހާދިސާގައި 40 މީހުން ވަރަށް ބޮޑަށް ފިހި މިމަރުކަޒަށްވަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފިހުނު މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބި މީހުންވެސް ވާކަމަށް މިސްރުގެ ސިއްޙަތާބެހޭ ދާއިރާއިން ބުނެއެވެ.

މިޙާދިސާ ހިނގާފައިމިވަނީ މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ބޮޑެތި އަދި މުހިއްމު މުއައްސަސާތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައިވަނިކޮށެވެ.

އަލިފާނުގެ މިޙާދިސާ ހިނގީ ކަރަންޓް މައްސަލައަކާ ގުޅިގެން ކަމަށާއި މިއީ ޓެރަރިޒަމް އާ ގުޅުންހުރިކަމެއް ކަމަށް ނުބެލެވޭކަމަށް މިސްރުގެ އަމަނާބެހޭ ފަރާތްތަކުން ބުނާއިރު މިސްރުގެ ފުލުހުންގެ ޚާއްސަ ޓީމަކުންވަނީ މިޙާދިސާ ތަހްގީގް ކުރަން ފަށައިފައެވެ.

ބައިނަލްއަގްވާމީ ބައްދަލުވުންތަކާބެހޭ މަރުކަޒު ނުވަތަ "ގާޢަތުލްމުއުތަމަރާތު" ހުންނަނީ ގާހިރާގެ ނަސްރު ސިޓީގައެވެ. (އަލްޖަޒީރާ)