ބައި މަދު ނަމަވެސް އަދާލަތު ޕާޓީއަކީ ސިޔާސީ ގަދަ ލަޝްކަރެކެވެ. ސިޔާސީ ވެރިން ޖެހިލުންވާ ބާރެކެވެ. ވެރިކަން ހޯދުމަށާއި ވެރިކަން ދަމަހައްޓަން އަދާލަތުގެ އެހީތެރިކަން ފަހުގެ ހުރިހާ ސަރުކާރަކަށް ވެސް ވަނީ ވަރަށް މުހިންމުވެފަ އެވެ. ސަބަބަކަށް ވެފައި ވަނީ އެ ޕާޓީގައި ތިބި ސިޔާސީ ގޮތުން އަޑުގަދަ ބައެއް ބޭބޭފުޅުންނެވެ. ހާއްސަކޮށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ދީނީ ގޮތުން ދައްކާ ހުއްޖަތުތަކެވެ. އެ ޕާޓީ ބަރޯސާވެފައި އޮންނަނީ އިމްރާނާއި ޝަހީމްގެ ރޭވުންތަކުގެ މައްޗަށެވެ. ފަހަކަށް އައިސް އެކަން ބަދަލުވެއްޖެ އެވެ. އެ ދެ ބޭފުޅުން ކިޔުއްވާ ޅެން ތަފާތު ވެއްޖެ އެވެ.

މިބުނާ ތަފާތު އެންމެ ބޮޑަށް ފެނިގެން ދަނީ ފަހަކަށް އައިސް މިއުފެދުނު ސިޔާސީ ހަލަބޮލި ކަމާ އެކު އެވެ. ސަރުކާރުގައި އެންމެ ހީވާގިކޮށް ފެނުނު ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން ހިނގައިގެން މިއުޅޭ ސިޔާސީ ހަލަބޮލިކަމުން ހަމަ ރަނގަޅަށް ވެސް އަދާލަތު ޕާޓީގެ ސްޓޭންޑް މި ވަނީ އޮޅިފަ އެވެ.

އިދިކޮޅު ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދާލަތައް ވެސް ލިބުނެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެ ޕާޓީ އިން ބުނީ ނޫނެކެވެ. އެއީ އެޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގޮތެވެ. އެހެންކަމުން އެ ދެ ޕާޓީ އިން ހިންގާ ސިޔާސީ ހަރަކާތުގައި ބައިވެރި ނުވާން އަދާލަތުން އެއޮތީ ނިންމާ އިގުރާރުވެފަ އެވެ. އަދި އަދާލަތުން ބުނަނީ އެ ޕާޓީއަކީ ސަރުކާރަށް ތާއީދު ކުރާ ޕާޓީއެއް ކަމަށެވެ.

އެގޮތަށް އެކަން އޮތް އިރު އެ ޕާޓީގެ ރައީސް އިމުރާނުގެ ފަރާތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޕާޓީގެ ނިމުން އޮތްތާ އޮއްވައި އެމަނިކުފާނު ދަނީ ޖޭޕީ އާއި އެމްޑީޕީގެ ވިސްނުންތަކާ އެތްގޮތް ވާހަކަތަކެއް ފާޅުގައި ދައްކަން ފަށާފަ އެވެ. އެމަނިކުފާނުގެ ބަސް މަގު ހުރީ ހަމަ އިދިކޮޅު ދެ ޕާޓިގެ ބަސް މަގު ހުރި މޭރުމުންނެވެ. ހަމަ ކިޔުއްވަނީ އެއް ޅެމެކެވެ.

އިމުރާން ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރު ނާޒިމް ދޫކޮށްލުމަށެވެ. ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމާއި މެދުވެސް އިމްރާނު ވަނީ ސުވާލު އުފައްދާފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޮތަށް އެތައް ބަޔަކު ޖަލުގައި ތިބެން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އެންމެ ފަހުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދޭ ގިނަ ހައްގުތަކެއް މިއަދުގެ ސަރުކާރުން ހަނިކޮށްފައިވާ ކަމަށާއި ސަރުކާރު ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.

"ސަރުކާރުގެ ތެރެއިން މި ދަނީ ފަރުދީ ހައްގުތަކުގެ މައްޗަށް އަރައިގަތުމަގެ ކަންތައްތަކެއް ފެށިގެން ގޮސްފައި. ސަރުކާރުގެ ތެރެއިން އަންނަނީ ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ފަށާފައި. މި ކަންތައްތައް މިހެން ވެގެން ދިއުމަކީ ރައްޔިތުންގެ މިއަދުގެ ކަންބޮޑުވުމަކީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާނުގެ އެވާހަކަތަކަށް ވިސްނަވާށެވެ. އެމްޑީޕީ އާއި ޖޭޕީ އިން ދަކަމުންދާ ވާހަކަތަކާއި އެވާހަކަތަކާއި އެއްވެސް ތަފާތެއް ފެނޭތޯ އެވެ؟ ހަމައެއްވާހަކައެއް އެ ދައްކަވަނީ ހަމަ އެއްދަނޑިވަޅެއްގަ އެވެ. ތަފާތަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއިން އެވާހަކަތައް ދައްކަނީ ސިޔާސީ ޕޯޑިއަމްތަކާއި އެއްވުންތަކުގައި ކަމަށްވާ އިރު އިމްރާން އެވާހަކަތައް ދައްކަވަމުން ގެންދަނީ "ޓުވިޓާ" ގައި ކަމުންނެވެ. އިމުރާނުގެ ވާހަކަތަކަށް ބަލާ އިރު އަދާލަތު ޕާޓީގެ ސްޓޭންޑަކީ ކޮބާކަން އޮޅެއެވެ.

އިމްރާނުގެ އެ ހަކަތަކާ ގުޅޭ ގޮތުން އެ ޕާޓީގެ ބައެއް މަސްދަރުތަކަށް ބަލާ އިރު މި ސަރުކާރާ ދެކޮޅުވާން ބޭނުންވާ ބަޔަކު އެ ޕާޓީގެ ތެރޭގައި އުޅެ އެވެ. އަދާލަތުގެ ސުޓޭންޑަކީ ކުއްލިއަކަށް އައި ބަދަލެއް ނޫން ކަމަށްވާ އިރު ޓުވިޓާ މެދުވެރިކޮށް އިމްރާން އެ ކިޔުއްވާ ފާޑުތަކަކީ ސަރުކާރާ ވަކިވުމުގެ ނިޝާނެއް ކަމަށް އެ ޕާޓީގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

"ޕާޓީގެ ތެރެއިން އެބައުޅޭ ސަރުކާރާ ދެކޮޅުވާން ބޭނުންވާ ބައެއް، އެކަމަކު އެއީ މަދު ބައެއް، ދެން އިމްރާން ސަރުކާރަށް ފާޑުކިޔުން ގަބޫލް ކުރެވެނީ އެއީ ސަރުކާރުން ވަކިވުމުގެ ސުޓެޕްބައި ސުޓެޕަކަށް." އަދާލަތު ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

އިމްރާނުގެ ވާހަކަތައް އެމޭރުމުން ހުރިއި ރު ދެން އެ ޕާޓީގައި އެންމެ ނުފޫޒު ގަދަކޮށް ހުންނެވި އަދި މިސަރުކާރުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝަހީމް ވަނީ ސަރުކާރާ ދެކޮޅަށް އިމްރާން ކުރައްވަމުން އަންނަ ޓުވީޓްތަކަށް ރައްދު ދެއްވާފަ އެވެ. އިމްރާނު ސަރުކާރަށް ފާޑުކިޔާ އިރު ޝަހީމް ސަރުކާރަށް ސަނާ ކިޔަނީ އެވެ.

ޝަހީމް ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާ ނިންމުންތައް ބަލައިގަންނާނެ ކަމަށެވެ. އެ އާ ހިލާފު ކަންކަން ބަލައި ނުގަންނާނެ ކަމަށެވެ. އެމަޖިލީހުގެ ނިންމުމަކީ ސަރުކާރަށް ތާއީދު ކުރުމެވެ.

"އިސްލާމީ ކަންކަމުގައި ނުވަތަ އެ ނޫން ވެސް ހެޔޮ ކަންކަމުގައި ނުވަތަ އަދުލުވެރިކަމުގެ ތެރެއިންދާ ކަންކަމުގައި ސަރުކާރު ދަމަހައްޓަން އަދި މި ސަރުކާރަށް އެއްބާރުލުންދޭން. އަދި އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް އެކަމުގައި ދޭން ޖެހޭ އިރުޝާދެއް އަދާލަތު ޕާޓީގެ ރައީސް ސަރުކާރަށް ދެއްވާނެކަން ޔަގީން. ސަރުކާރާ އެކު ކުރިއަށް ދާން އަދާލަތު އަބަދު ވެސް އެހީވާނެ. އަޅުގަނޑު އެ ދެނީ އެގޮތަށް ހުރިހާ މެންބަރުން ވެސް ކުރިއަށް ދިއުން،" ޝަހީމް ވިދާޅުވި އެވެ.

އަދާލަތުގެ ސްޓޭންޑާ ދޭތެރޭ ސުވާލުތަކެއްގެ ތެރޭގައިވާ އިރު އެ ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވިދާޅުވެފައި ވަނީ އެ ޕާޓީގެ ސްޓޭންޑަކީ "ގާނޫނު އަސާސީގެ ދިފާއުގައި" އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި "އެ ވަގުތަށް" ނުވުން ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެއްވެސް ކަމެއްގައި ބަހެއް ނުބުނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެށުނީއްސުރެ ނިންމާފައިވާ ގޮތަށް އަދިވެސް އޮތީ، ސަރުކާރަށް އަޅުގަނޑުމެން ހަމަ ތާއީދު ކުރާ ބައެއްގެ ގޮތުގައި އަދިވެސް އަޅުގަނޑުމެންގެ ޕާޓީގެ ސްޓޭންޑް ދެމިއޮތީ. ދެން އޭގެ މާނައެއް ވެސް ނޫން އަޅުގަނޑުމެން އެއްވެސް ކަމަކަށް ބަހެއް ނުބުމުން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ޝެއިހް އިމްރާނާއި ޝަހީމްގެ ދެ ރާގެއްގެ ވާހަކަތަކާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާން ވިދާޅުވީ "ޝެއިހް އިމްރާން މިސާލަކަށް ފާޑުވިދާޅުވާ ކަމަކީ އެއީ ވެދާނެ ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް، އެކަމެއްގެ ވާހަކައަށް ނުވަތަ އެކަމަކަށް ނޫން ކަންނޭގެ ޑރ. ޝަހީމް ކޮމެންޓް ކުރައްވާނީ،"

އަދާލަތުން ސަރުކާރަށް ތާއީދު ކުރާކަމަށް އެ ޕާޓީ އިން ބުނާ އިރު ހިތްހަމަނުޖެހުންތައް ފުރަތަމަ ހައްލު ކުރަންވާނީ ސަރުކާރާ މަޝްވަރާކޮށްގެން ނޫންތޯ އެވެ. އެއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކަމަކަށް ވުމުން ދުވާނެ ވަސްތައް ގިނަވާނެ އެވެ. ނަމަވެސް ކަން މިހިނގި މަގަކީ ހުރިހާ ފާޑުކިޔުމެއް ޕާޓީގެ ރައީސްގެ ފަރާތުން ކިޔުމަށް ފަހު ދެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ބައްދަލު ކުރުމެވެ. މިއީ ސަރުކާރަށް ތާއީދު ކުރާ ޕާޓީގެ ސުޓޭންޑްތޯ ހަމަ ސުވާލުއުފެދެ އެވެ.

އުފެދޭ ސުވާލަކީ އިމްރާނާއި ޝަހީމްގެ ވިސްނުން ތަފާތު ވާންޖެހޭ ސަބަބެވެ. އެކަން ދިމާވާނެ ސަބަބުތަކެއް އެބަހުއްޓެވެ. ޝެއިހް އިމްރާނުގެ ސިޔާސީ ހަރަކާތައް ބަލާ އިރު ގިނަ ފަހަރު އެމަނިކުފާނު ފެންނަނީ ގާސިމް އިބްރާހިމް ފެންނަ ކޮޅަކުންނެވެ. އެ ދެ ބޭފުޅުން ސިޔާސީ ހިޔާލު ހަމަ އެއްގޮތީ ކަމަށް ވެދާނެ އެވެ. މިފަހަރު ވެސް ކަން މިވަނީ އެމަގުން ކަމަށް ވުން ގާތެވެ. ގާސިމް އަށް މިވަގުތު ކަމުދިޔަ ކަންކަން އިމްރާނަށް ވެސް ކަމުދިޔައީ ކަމަށް ވެދާނެ އެވެ. ނަމަވެސް ޝަހީމްގެ ހާލަތު ތަފާތުތާ އެވެ. އެމަނިކުފާނަކީ މިއަދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރަށް ވުމުން މާގިނަ ވާހަކަތަކެއް ދެއްކޭކަށް ނެތެވެ. އެ ޕާޓީ އެމްޑީޕީ، ޖޭޕީގެ ސިޔާސީ ހަރަކާތައް ބައިވެރި ނުވެވިގެން މިއުޅޭ ސަބަބަކަށް ވުން ގާތީ އިމްރާނަށް މަޝްވަރާ މަޖިލީހުގެ މެޖޯރިޓީ ތާއީދު ނުލިބުމެވެ.

ކޮންމެ އަކަސް އަދާލަތު ޕާޓީގެ ސުޓޭންޑާ ދޭތެރޭ މިވަނީ ބޮޑު ސުވާލުތަކެއް އުފެދިފަ އެވެ. ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ނިންމުމާއި ޕާޓީގެ ރައީސް ދައްކާ ވާހަކައަކާއި ދިމައެއް ނުވެ އެވެ. ޕާޓީގެ ރައީސްގެ ޕާޓީ އާއި އެ ޕާޓީގައި ހުރި އެންމެ ނުފޫޒް ގަދަ އެއް ބޭފުޅާ ކަމަށްވާ ޝަހީމްގެ ވާހަކައެއް ވެސް ދިމައެއް ނުވެ އެވެ. އެހެންކަމުން އަދާލަތު ޕާޓީ މި އޮތީ އޮޅުންބޮޅުންވުންތަކެއްގެ ތެރޭގަ އެވެ. އެންމެ އިސް ލީޑަޝިޕްގައި ތިއްބެވި ދެ ބޭފުޅުން ދައްކަވަނީ ދެ ވާހަކަ އެކެވެ. އާންމުންނަށް ހައްތާވެސް އޮޅެނީ އެވެ. މުޅިން ވެސް އޮޅުން ބޮޅުމެވެ.