05 Mar 2015, 02:16
ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އިސްލާމްދީނާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ކަންކަން އިސްލާހު ކުރުމަށް ގޮވާލައި ހައްގު ބަސް ބުނުން މަތީ ދެމި ތިބުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.
އަދާލަތު ޕާޓީން އެގޮތަށް ނިންމެވީ މިރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު މިރޭ "ސަން" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި 30 މެމްބަރުން ބައިވެރިވެވަޑައިގެން ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ޒާހިރު ވިދާޅުވީ މިނިސްޓަރު ޝަހީމް އެ މަޖިލީހުގައި ބައިވެރިވެ ވަޑައިނުގެންނެވީ އެ ވަގުތުގައި ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގަންނަވަން ޖެހުމުން ކަމަށެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ގައުމު ދަނީ ރަނގަޅު މިސްރާބަކުން ނޫން ކަމަށާއި ބިރުވެރިކަމާއި ހާސްކަން ގައުމުގައި ބޮޑުވުމުން ސުލްހައަށްޓަކައި ކޮންމެ މީހަކު ތެދުވުމަށް ގޮވާލާ ކަމަށެވެ.
އިމްރާން ވިދާޅުވީ ފަހަކަށް އައިސް ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ގިނަ ހައްގުތަކެއް މިއަދުގެ ސަރުކާރުން ހަނިކޮށްފައިވާ ކަމަށާއި ސަރުކާރު ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.
އެހެންނަމަވެސް ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް މިރޭ ވިދާޅުވީ ސަރުކާރު ވައްޓާލަން ނުވަތަ ސަރުކާރާ ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރަން އަދާލަތު ޕާޓީން ނުނިކުންނާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑުއުފުލުމަކީ އަދާލަތު ޕާޓީގެ ވިސްނުމެއް ނޫން ކަމަށާއި ނަމަވެސް ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް ހައްލުކުރަން ސަރުކާރާ އެކު މަޝްވަރާތައް ކުރާނެ ކަމަށެވެ.