އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ނޫރު އެންޑް މޫވީސްގެ ލޫދިފާގެ ސްކްރީން ކޮޕީއެއް ވަގަށް ހަދަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޕުރިމިއާ ކުރި "ލޫދިފާގެ" ދެ ވަނަ ޝޯ އޮލިމްޕަހުގައި ދައްކަމުން ދަނިކޮށް މޯބައިލް ފޯނަކުން ވީޑިޔޯކުރި މީހާ އަތުލައިގެންފައި ވަނީ ލޫދިފާ ފިލްމުގެ ސްޓާފުންނެވެ.

ހަ ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމު ވީޑިޔޯކުރި މައްސަލައިގައި ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ "ލޫދިފާ" ފިލްމް ފޯނަކުން ވީޑިއޯ ކުރި މައްސަލައެއް މިހާރު ތަހުގީގު ކުރާ ކަމަށެވެ.
ނަމަވެސް އެ މީހާ މިހާރު ދޫކޮށްލާފައި ވާކަމަށް ޝިޔާމް ވިދާޅުވި އެވެ. ފިލްމުގެ ޕުރޮޑިޔުސަރު ނޫރައްދީން މިއަދު ބުނީ އެމީހާ އަތުލައިގަތީ އިންޓަވަލް ވާން 15 މިނެޓަށް ވެފައިވަނިކޮށް ކަމަށާއި އޭރު އޭނަގެ ފޯނަށް ފިލްމުގެ 5 މިނެޓާއި 28 ސުކުންތު ރެކޯޓުކޮށްފައިވާ ކަމަށެވެ.

ނޫރު ބުނީ އެ މީހާ ވީޑިޔޯކުރަމުން ދާކަން އެނގުނީ ހޯލު ތެރޭގައި އިން ރައްޓެއްސަކު ގުޅާފައި ބުނުމުން ކަމަށާއި ފިލްމްގެ ސުޓާފުން ގޮސް ބެލިއިރު އެމީހާ އިނީ ފޯނުން މޫވީ ކުރަން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ ވީޑިޔޯ ކުރި މީހާ އައިސް އިނީ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވި ފުލުސް މީހަކާ އެއްކޮށް ކަމަށާއި އެ ދެ މީހުންގެ އަތުން ތިން ފޯނު ވެސް ފެނުނު ކަމަށެވެ.

"އޭނަޔާ އެއްކޮށް އައި މީހެއް އެއީ. މި ބުނާ ސިފައިންގެ މިހާގެ ފޯނެއްގައި ރެކޯޑިންއެއް ނެތް،" ނޫރު ބުންޏެވެ.
އޭނާ ބުނީ ފިލްމް ވީޑިޔޯ ކުރި މީހާ ހިފެހެއްޓުމުން އެއީ ނޭނގިގެން ކުރިކަމެއް ކަމަށް އޭނާ ބުނި ކަމަށެވެ.
ނޫރު ބުނީ އެ މީހާ ކޮށްފައި ހުރި ވީޑިޔޯ އަކީ ކޮޕީ ހަދައިގެން ބަހާލެވޭ ފެންވަރުގެ ކޮލިޓީއެއްގައި ކޮށްފައި ހުރި ވީޑިޔޯއެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ފުލުސް މީހާއާ ވެސް މިހާރު އެ މައްސަލައިގާ ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުސް މިހާ އެކަމުގައި ބައިވެރިވި ކަމެއް ނުވަތަ ނޫން ކަމެއް ޝިޔާމް ޔަގީކޮށެއް ނުދެއްވި އެވެ.

ފިލްމުގެ ސުކުރީން ކޮޕީތައް ހެދުމަކީ ހޮލީވުޑްގެ އިތުރުން ބޮލީވުޑުގައި ވެސް އާންމުވެފައިވާ ކަމެކެވެ. އެކަމަކު އެކަންތައްތައް ހުއްޓުވުމުގައި ފިލްމުގެ ޕުރޮޑިއުސަރުންނާއި ސިނަމާތަކުގެ ސެކިއުރިޓީން ވަނީ ނުކުޅެދިފަ އެވެ.
ލޫދިފާ އަކީ މުއުމިން ފުއާދުގެ އަމިއްލަ ވާހަކަ އަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ ދިވެހި އޯޑިއަންސާ ބީރައްޓެހި ރަހަތަކެއް އެކުލެވިގެންވާ ފިލްމެކެވެ. ނަމަވެސް އެ ފިލްމަކީ މުޖުތަމައުގައި އިސްލާހު ކުރަން ހުރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޕުރެޒެންޓިންއާ މެދު ބެލުންތެރިންގެ މެދުގައި ވަނީ ހިޔާލުތަފާތު ވެފަ އެވެ.