ވަޅިއަކުން އަމިއްލަ ނަފްސަށް ގެއްލުންދީގެން މަރުވާން އުޅުނު މީހަކު ފުލުހުން ސަލާމަތްކުރުމަށްފަހު، ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ށ. ފުނަދޫގައި ގެއެއްގެ ތެރޭގައި ވަޅިއަކުން އަމިއްލަ ގަޔަށް ވަޅި ހަރައިގެން މަރުވާން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ގެއަށް ފުލުހުން ގޮސް، ވަޅި ދޫކޮށްލުމަށް އެންގުމުން ވެސް އެކަމާއި ދެކޮޅު ހެދުމުން ފުލުހުންގެ މަސައްކަތުންނެވެ. އަދި އޭނާ އަތުގައި އޮތް ވަޅި އަތުލުމަށްފަހު އޭނާގެ އަތަށް ދީފައިހުރި ދެ ޒަހަމަކަށް ފަރުވާ ދިނުމަށް ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.