05 Mar 2015, 01:57
ސަރުކާރު ވައްޓާލަން ނުވަތަ ސަރުކާރާ ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރަން އަދާލަތު ޕާޓީން ނުނިކުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ތަރުޖަމާން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މިރޭ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑުއުފުލުމަކީ އަދާލަތު ޕާޓީގެ ވިސްނުމެއް ނޫން ކަމަށާއި ނަމަވެސް ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް ހައްލުކުރަން ސަރުކާރާ އެކު މަޝްވަރާތައް ކުރާނެ ކަމަށެވެ.
"އިސްލާމީ ކަންކަމަށް ނަސްރުދޭ ސަރުކާރެއް އޮވެއްޖެނަމަ އެ ސަރުކާރެއްގެ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނެ. އަދި އިސްލާހު ކުރަން ޖެހޭ ކަމެއް އޮވެއްޖެނަމަ އެ ކަމެއް ހައްލުކުރަން މަސައްކަތް ކުރުމަކީ ވެސް ވާޖިބުވެގެންވާ ކަމެއް. ސަރުކާރު ވައްޓާލަން ކުރާ އެއްވެސް ކަމެއް އަދާލަތު ޕާޓީއަކުން ނުކުރާނެ. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިސް ވަފުދެއް ރައީސް އާ ބައްދަލުކުރެއްވުމާ ގުޅިގެން އެކަމަށް އަލިއަޅުވާލައްވައި ޝަހީމް ވިދާޅުވީ "މުޅި އަދާލަތު ޕާޓީ ސަރުކާރުން ވަކިވާން ނުވަތަ އިދިކޮޅުވާން އެއްވެސް ސްޓޭންޑެއް ނަގާފައި ނޯންނާނެ،" ކަމަށާއި ނަމަވެސް ސަރުކާރާ ހިޔާލު ތަފާތުވުންތައް އެބަ ހުރި ކަމަށެވެ. ކޮންމެ މުއައްސަސާއެއްގައި ވެސް ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށާއި އެފަދަ ކަންކަން ހައްލުކުރަން އަބަދުވެސް ސަރުކާރާއެކު ސުލްހަވެރިކަމާއެކު މަޝްވަރާކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިސްލާމީ ކަންކަމުގައި ނުވަތަ އެ ނޫން ވެސް ހެޔޮ ކަންކަމުގައި ނުވަތަ އަދުލުވެރިކަމުގެ ތެރެއިންދާ ކަންކަމުގައި ސަރުކާރު ދަމަހައްޓަން އަދި މި ސަރުކާރަށް އެއްބާރުލުންދޭން. އަދި އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް އެކަމުގައި ދޭންޖެހޭ އިރުޝާދެއް އަދާލަތު ޕާޓީގެ ރައީސް ސަރުކާރަށް ދެއްވާނެކަން ޔަގީން. ސަރުކާރާއެކު ކުރިއަށް ދާން އަދާލަތު އަބަދު ވެސް އެހީވާނެ. އަޅުގަނޑު އެ ދެނީ އެގޮތަށް ހުރިހާ މެންބަރުން ވެސް ކުރިއަށް ދިއުން،" ޝަހީމް ވިދާޅުވި އެވެ.
ރައްޔިތުންނަށް ފައިދާވާ ގޮތަށް ސަރުކާރުން ވޭތުވެދިޔަ ތަނުގައި ވެސް އަދި މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުނަނުދީ ހިފަހައްޓަން ޖެހޭ ކަމަށެވެ.
އެކަން ހާސިލްކުރުމަށް، ސަރުކާރު "ފުރޮޅާލަން" މަގުމަތިން އަދި އެހެނިހެން ގޮތްގޮތުން ކުރާ މަސައްކަތްތަކަށް އިލްމުވެރިން އަދި ދީނީ ބޭފުޅުން އެއްބާރުލުން ދީގެން ނުވާނެ ކަމަށާއި "މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ" ކަމަށް ޝަހީމް ވިދާޅުވި އެވެ.