04 Mar 2015, 22:39
ނޮވެލްޓީ ބުކް ފެއާއަށް ޒިޔާރަތްކޮށްގެން އެ ކުންފުނީގެ ބްރާންޗްތަކުން ވަޒީފާ ލިބުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.
ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވީ ނޮވެލްޓީ ބުކްފެއާ އަށް ޒިޔާރަތްކޮށްގެން "ނޮވެލްޓީ ގްރޫޕް އޮފް ކޮމްޕެނީސް" އިން ވަޒީފާ ހޯދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ނޮވެލްޓީ ގްރޫޕްގެ ތެރޭގައި ހިމެނެނީ ނޮވެލްޓީ ޕްރިންޓާސް އާއި، އެފްޑީއައި އާއި ވަންތަ ރިސޯޓާއި ޑްރިފްޓް ވުޑް އިންވެސްޓްމަންޓް އާއި ނޮވެލް އިންވެސްޓާއި ޕޭޕާ ވޯލްޑް އެވެ.
އޭނާ ވިދާޅުވީ ބުކް ފެއާ ހުޅުވިފައި ހުންނަ ކޮންމެ ރެޔަކު 9:00 އިން 11:00 އަށް އެކަމަށް ހާއްސަ ކައުންޓަރެއް ފެއާގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ. އެގޮތުން ވަޒީފާތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު ވަގުތުން ވަގުތަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅޭނެ ކަމަށް ރަޔާހީން ވިދާޅުވި އެވެ.
މިއަހަރުގެ ފެއާގައި ވެސް 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ފެއާގެ ތެރޭގައި ކުރާ 20 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ނަސީބު ކޫޕަނެއް ލިބޭ އިރު ގުރުއަތުން ހޮވޭ ފަރާތަކަށް ނޮވެލްޓީ ބުކްޝޮޕުން ވަނީ 250،000 ރުފިޔާ ހުށަހަޅާފަ އެވެ.
އާންމުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ނޮވެލްޓީ ބުކްފެއާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 12:00 އަށް ހުޅުވާއިރު، ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ރޭގަނޑު 12:00 އަށް ހުޅުވާނެ އެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:30 އިން ރޭގަނޑު 12:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް ނޮވެލްޓީ ބުކްޝޮޕުން މައުލޫމާތުދެ އެވެ.
މިއަހަރު ބުކްފެއާ ކުރިއަށްދާނީ މި މާޗް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.