04 Mar 2015, 17:50
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އަވަހަށް އިއްވުމަށް ގޮވާލާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އިސްވެ ހުންނަވައި ސަރުކާރަށް ތާއީދު ކުރާ ބަޔަކު އަޑު އުފުލައިފި އެވެ.
ނަޝީދަށް ހުކުމް ކުރުން އަވަސްކުރުމަށް ގޮވާލާ ބޭއްވި އަޑު އުފުލުމުގައި ބައިވެރިވި ފަރާތްތަކުން އެއްވުމުގައި ބޭނުންކުރި ޕޯސްޓަރުތަކުގައި ލިޔެފައި ވަނީ ނަޝީދަށް މިހާރުން މިހާރަށް ހުކުމް ކުރުމަށެވެ. ޕޯސްޓަރު ތަކާއެކު މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންދިޔަ އަޑު އުފުލުމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫއިރާގެ މެންބަރު އަހުމަދު އައްސަދު އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ނަޝީދަށް ހުކުމް ކުރުން އަވަސް ކުރުމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މިއަދު ބޭއްވި އަޑު އުފުލުގައި ޒުވާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ. ޖަނަވަރީ މަގުން ފެށި ހިނގާލުން ޕްރޮސެކިޓަރު ޖެނެރަލް މުހުތާޒު މުހުސިންގެ ގެކޮލޫ ކައިރީވެސް ގޮސް، ވަނީ އަޑު އުފުލާފަ އެވެ.
ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީ-ޖޭޕީން ވެސް ދަނީ އަޑު އުފުލަމުންނެވެ.
