މާލޭ ހުޅަނގު ދެކުނު ހާބަރުން މިހާތަނަށް ވިއްކާފައިވާ ހަތަރު ބިމުގެ ތެރެއިން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީން މާލެ މުނިސިޕަލިޓީ އަށް އަންގައިފި އެވެ.

އާހާބަރުން ބިން ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުން ކުރިން ބޭރުކޮށްލުމާ ގުޅިގެން، އެ މަސައްކަތް އަނެއްކާ ވެސް ފަށައިގެން ކުރިއަށްގެންދާ ފިނޭންސް މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ސަން ފްރަންޓަށް މުނިސިޕަލިޓީން ވިއްކާފައިވާ 2000 އަކަ ފޫޓުގެ ބިން އެ ކުންފުނީގެ ނަމަށް ރަޖިސްޓްރީކުރުމަށް މުނިސިޕަލިޓީ އަށް އަންގައިފައި ވަނީ، އެ ބިމަށްވާ ބާކީ ފައިސާ އެކުންފުނިން ދައްކާފައިވާތީ ކަމަށެވެ.

"އެމީހުން ބާކީ ފައިސާ ދެއްކީމަ އަޅުގަނޑުމެން ވާނީ މުނިސިޕަލިޓީއަށް އަންގައިފައި އެމީހުންގެ މައްޗަށް ބިން ރަޖިސްޓްރީކޮށްދޭން މިއަދު،" ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ބިން ގަނެފައިވާ ހުރިހާ ފަރާތްތަކުން ވެސް އެޑްވާންސް ފައިސާ ދައްކާފައިވާ ނަމަވެސް، ބިން ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިއަށްގެންދާނީ ބިމަށްވާ ބާކީ ފައިސާ އެކުންފުނިތަކުން ދެއްކުމުން ކަމަށެވެ. އަދި ބާކީ ފައިސާ ދެއްކެމަށް ހުރިހާ ކުންފުނިތަކަށް އަންގައިފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ފައިސާ ދެއްކީ ސަން ފްރަންޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެހާސް އަކަފޫޓުގެ ސީ ހައެއް ބުލޮކުގެ ބިން ކަރަންޓް ހޮޅިބުރި އާއި އަދި އެނޫން ވެސް ދިއްލުމަށް ބޭނުން ކުރާ ސާމާނު ވިއްކާ ސަން ފްރަންޓުން ކާމިޔާބުކޮށްފައި ވަނީ އަކަފޫޓެއް 6696.27 ރުފިޔާގެ ރޭޓުން، 13.39 މިލިއަން ރުފިޔާ އަށެވެ.

އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ނީލަމުގައި ވިއްކާ ގޮތަށް ހުޅުވާލައިފައި އޮތީ މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގެ 50000 އަކަފޫޓުގެ ބިމެވެ. އެއީ 2000 އަކަފޫޓުގެ ފަސް ބިމާއި، 5000 އަކަފޫޓުގެ ތިން ބިމާއި، 7500 އަކަފޫޓުގެ ދެ ބިމާއި، 10000 އަކަފޫޓުގެ އެއް ބިމެވެ.

އެ އެގާރަ ބިމުގެ ތެރެއިން މިހާތަނަށް ނުވިކި އޮތް ހަތް ބިން ވިއްކާލުމަށް އަންނަ ހަފުތާތެރޭ އެންމެ ލަސްވެގެން އިއުލާނުކުރާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.

"އިއުލާންކުރަން އަޅުގަނޑުމެން ނިންމާފައި މިވަނީ ފުރަތަމަ ބައިގެ ބިން ވިއްކުމުގެ މަސައްކަތް ނިންމައިފައި ކުރާ ގޮތަށް. އަޅުގަނޑުމެން އެންމެ ލަސްވެގެން އަންނަ ހަފުތާގައި އިއުލާން ކުރާނަން. އެއީ އަޅުގަނޑުމެން ޚިޔާލުކޮށްފައި އޮތް ގޮތް،" ޝަފީގު ވިދާޅުވި އެވެ.

އަންނަ ހަފުތާގައި ބިންތައް ނީލަން ކިޔަން ހަމަޖައްސައިފައިވާ އިރު، ގައުމީ ޕާޓީ އާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސް )ޕީއޭ( ވަނީ ބިން ވިއްކުމުގެ މައްސަލަ އަނެއްކާ ވެސް ކޯޓަށް ވައްދައިފަ އެވެ.

މިއަދު އޮތް އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އިދިކޮޅު ފަރާތްތަކުގެ ވަކީލު ވަނީ، ބިން ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ. މައްސަލަ ބައްލަވައި ގާޒީ ވިދާޅުވީ، ބިން ވިއްކުން ހުއްޓުވުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ކޯޓުގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށެވެ.

މާލޭ އާ ހާބަރު ސަރަހައްދުން ބިން ވިއްކުން މުނިސިޕަލްޓީގެ މައްޗަށް މަނާ ކުރުމަށް އިދިކޮޅު އިއްތިހާދުން ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އޮތް ޝަރީއަތަށް ދައުވާކުރާ ފަރާތުގެ ވަކީލު ވަޑައިނުގަތުމުންނެވެ. ދައުވާ ކުރާ ފަރާތް ހާޒިރު ނުވެގެން ކޯޓް މިއަދު މައްސަލަ ބާތިލުކޮށްލި ނަމަވެސް އިއްތިހާދުގެ ވަކީލު އަލީ ހުސައިން ވިދާޅުވެފައި ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.