ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 38 މެމްބަރުން ނެވެ. އަދި ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓުދެއްވާފައި ވާއިރު އެ ބިލާ ދެކޮޅަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ. ސަރުކާރާ އިދިކޮޅު އެމްޑީޕީން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު "ސަން" އަށް ވިދާޅުވީ، އެމްޑީޕީ އިން ވޯޓުގައި ބައިވެރި ނުވީ މަޖިލީހުގެ ނިޒާމު ގެއްލިފައި ވަނިކޮށް އެގޮތަށް ވޯޓަށް އެހޭނެ ކަމަށް ގަބޫލު ނުކުރާތީ ކަމަށެވެ.

"އަޅުގަނޑުމެން [އެމްޑީޕީ] އިން ވޯޓުގައި ބައިވެރިނުވީ މަޖިލީހުގެ ނިޒާމު ގެއްލިފައި ވަނިކޮށް އެގޮތަށް ވޯޓަށް އެހޭނެ ކަމަށް ގަބޫލުނުކުރެވޭތީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތާއި ރައްކާތެރިކަމުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ފާސްކޮށްފައިވާ އިރު، އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސުންގެ ކިބައިން ފެންނަ ބައެއް އަމަލުތަކުގެ ސަބަބުން އިނާޔަތް ލިބުން ހުއްޓިގެންދާނެ އެވެ. އެގޮތުން ކުރިގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ނަޝީދަށް ލިބެމުންދާ ރައީސް ކަމުގެ އިނާޔަތްޔަށް ކެނޑިގެން ދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ އިސްލާޙުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގައި ބައިވެރިވުމާއި އެކަމަށް ގޮވާލުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދީފިނަމަ، އެގާނޫނުގެ ދަށުން ލިބިދެވޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަން ކެނޑިގެންދާނެ އެވެ.