16 Feb 2011, 15:03
ބިދޭސީންނަށް އަމާޒުކޮށްގެން ހަތް ގައުމެއްގެ ބަހުން އެޗްއައިވީ އާއި އެޑްއިޑްސްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ ހުކުރު ދުވަހު ފެއާއެއް ބާއްވަން ނިންމާފައިވާ ކަމަށް ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން ]ޝީ[ އިން ބުނެފި އެވެ.
ގްލޯބަލް ފަންޑް ޕްރޮޖްކްޓްގެ ދަށުން އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ދަރުބާރުގޭ ފުރަގަހުގައި ބާއްވާ ފެއާ އާ ބެހޭ ގޮތުން ޝީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީން އާންމުކޮށް ވާހަކަ ދައްކައި އުޅޭ ބަސްތަކުގެ ތެރެއިން ސިންހަލީސް، ތެލެގޫ، ބެންގާލި، ނޭޕަލީސް، ހިންދީ، ޓެމިލް އަދި އިނގިރޭސި ބަހުން ފެއާގައި މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ސޮސައިޓީން ބުނީ ފެއާގައި އެއިޑްސްއާ ބެހޭ މައުލުމާތު ދިނުމުގެ އިތުރުން ޖިންސީ ގުޅުމުން އަރާ އެކި ބަލިތަކުގެ މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށާއި ޖަމަބްލް ސޭލް އަކާއި އެކިކަހަލަ މުނިފޫހިފިލުވުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.
ބިދޭސީންނަށް އަމާޒުކޮށްގެން އެފަދަ ފެއާއެއް ބޭއްވުމުގެ މަގުސަދާ ބެހޭ ގޮތުން ޝީއިން ބުނީ 2008 ޔޫއެންޑީޕީ އާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުން އެއިޑްސްގެ ނުރައްކަލަށް ހުށަހެޅިފައިވާ އެއްބަޔަކީ ބިދޭސީން ކަމަށެވެ.
"ދެހާސް އަށް ވަނަ އަހަރުގައި ޔޫއެންޑީޕީ އަދި ކުރީގެ ޑިޕާމަންޓް އޮފް ޕަބްލިކް ހެލްތުން ކުރި 'ބައިލޮޖިކަލް އެންޑް ބިހޭވިރައަލް ސާޗޭ' އިން ރާއްޖޭގައި އެޗްއައިވީ، އެއިޑްސްގެ ނުރައްކާ ހުށަހެޅިފައިވާ އެންމެ ބޮޑު އެއް އާބާދީ ކަމަށް ބިދޭސީން ފާހަގަ ކުރެވިފައިވޭ" ޝީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ބައިނަލްއަގުވާނީ އެއިޑްސްގެ ދުވަހާ ދިމާކޮށް ޑިސެންބަރު 1، 2010ގައި ވެސް ޝީއިން ވަނީ ފެއާއެއް ބާއްވައިފަ އެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އެފަދަ ފެއާތަކެއް ބާއްވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.