04 Mar 2015, 13:19
ހައްގު ނޫން ދައުވާއެއް ކުރި ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓާ ޖެނެރަލްއާ ދެކޮޅަށް ކުރީގެ ޑިފެންސް މިނިސްޓަރުގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ދައުވާ އުފުލައިފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު 'ސަން' އަށް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލީ އަފާފްގެ މައްޗަށް ހައްގުނޫން ދައުވާއެއް ކުރައްވާފައި ވާތީ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އުފުލި ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް އަފާފު ހާޒިރުވެވަޑައިގަތުމުން، އެންމެ ފުރަތަމަ ވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އަފާފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
ހަނގުރާމަވެރި ހިތިޔާރު ގެންގުޅުއްވި ކަމަށް ބުނެ އަފާފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭނާގެ އަނބުރުގެއްލޭ ގޮތަށް ކަމަށާއި އެ ދައުވާ އުފުލިކަން މުޅި ގައުމަށް އެނގިގެން ދިޔުމަކީ އަފާފްގެ އަބުރު ގެއްލުނު ކަމެއް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަސްދުގައި މީހަކަށް އުނދަގުލެއް ނުވަތަ ދެރައެއް ނުވަތަ ގެއްލުމެއް ދިނުމަށްޓަކައި ހައްގަކާ ނުލައި ދައުވާ އެއް ކުރުމަކީ ގާނޫނުން އުގޫބާތުގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކަމަށެވެ. އެހެންނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅިޔަސް އެ މައްސަލަ ތަހުގީގު ކުރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.