16 Feb 2011, 14:12
ތިލަފުށި އިންޑަސްޓްރިއަލް ޒޯން ހިއްކުމުގެ މަސައްކަތް ހިނގާފައިވާގޮތް ބައްލަވައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ހިނގާފައިވާ ނަމަ، އެކަމަކާ ގުޅޭ ގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީއަށް އަންގަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ތިލަފުށި ބިން ހިއްކުމުގެ މައްސަލަ ބެއްލެވުމަށް ފިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަހްމޫދު ރާޒީއަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފައިވަނީ އެ އޮފީހުން މިއަދު ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.
އަދި އެގޮތަށް އެންގެވީ، ތިލަފުށީގެ އިންޑަސްޓްރިއަލް ޒޯން ހިއްކުމުގެ މަޝްރޫއުގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ، އެމަޝްރޫއު ހުއްޓާލުމަށާއި އަލުން ބިޑްކޮށްގެން ބަޔަކާ ހަވާލުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގުމާ ގުޅިގެން ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ތަންތަން ކަމަށްވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނީ ބާރު ލިބިދީފައިވާ މިނިވަން މުއައްސަސާއަކަށްވުމާއެކު، އެމުއައްސަސާއަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ވެސް އިހްތިރާމް ކުރަންވާނެ ކަމަށާއި، އަދި ސަރުކާރުން ހިންގާ ކަމެއް ލަސްކޮށްލުމަށް ނުވަތަ ހުއްޓާލުމަށް އޭސީސީން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގައިފިނަމަ، އެ ކޮމިޝަނުން އެންގި ގޮތަކަށް، އެ އިދާރާއަކުން ވަގުތުން އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 21 އޮކްޓޯބަރ 2010 ގައި ނެރުނު 62 ނަންބަރު ދެންނެވުމުން އަންގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ތިލަފުށިން ތިރީސް ހެކްޓަރުގެ ބިން ހިއްކުމަށް 269.85 މިލިއަން ރުފިޔާ އަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އަދި ވަކި ފަރާތަކަށް ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.
އަދި އަލުން ބިޑުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތިލަފުށި ކޯޕަރޭޝަނަށް ވަނީ މިދިޔަ އާދިއްތަ ދުވަހު އޭސީސީން އަންގައިފަ އެވެ.
ނަމަވެސް، އެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރަމުންދާ ކަމަށް މީޑިއާގައި ވަނީ ޚަބަރު ފެތުރިފަ އެވެ.