ވޮޝިންޓަން (މާޗް 4): ނިއުކްލިއަ މައްސަލައިގައި އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ ނިއުކްލިއަ ކާރިސާ އަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއްކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އިންޒާރެއް ދެއްވައިފި އެވެ.

އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަގްރީރެއްގައި ނަތަންޔާހޫ ވިދާޅުވީ، އީރާނަކީ އެމެރިކާއާއި އިސްރާއީލުގެ ދުޝްމަނެއް ކަމަށާއި އީރާނުގެ ނިއުކްލިއަ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އައުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމުގައެވެ.

އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްގެން އެގައުމުގެ ނިއުކްލިއަ ޕްރޮގްރާމް ނުހުއްޓުވޭނެ ކަމަށާއި އޭގެބަދަލުގައި އެފަދަ އެއްބަސްވުމެއްގެ ސަބަބުން ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ތަނަވަސްވެގެންދާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ކޮންގްރެސްގައި ޚިތާބެއް ދެއްވުމަށް ނަތަންޔާހޫއަށް ދައުވަތު އެރުވީ، ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ޖޯން ބެއިނާއެވެ. އޮބާމާއާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި ނަތަންޔާހޫއަށް މިދަޢުވަތު ދެއްވި މައްސަލައިގައި ވައިޓް ހައުސް އިންވަނީ ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ. އަދި މިއީ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ޖޯން ބެއިނާ، ރައީސް ބަރަކް އޮބާމާއަށް ކުރެއްވި އިހާނާތެއްކަމަށް ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދެކެއެވެ.

ވައިޓް ހައުސް އިންވަނީ އޮބާމާގެ ސަރުކާރުގެ އެއްވެސް އިސް މަސްއޫލުވެރިއަކު ނަތަންޔާހޫގެ މި ދަތުރުފުޅުގައި އޭނާއާ ބައްދަލު ނުކުރައްވާނެކަން ހާމަކުރައްވާފައެވެ.

ނަތަންޔާހޫ ޚިތާބު ދެއްވި ޖަލްސާ ކުރިޔަށްދިޔައިރު ކޮންގްރެސްގައި ހިމެނޭ މެދުމިނުގެ ސިޔާސީ ފިކުރުގެ މެންބަރުންވަނީ އެޖަލްސާ ބޮއިކަޓް ކުރައްވާފައެވެ. މީގެތެރޭގައި ގިނައީ އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރުންނެވެ.

ނަތަންޔާހޫގެ ޚިތާބު އަމާޒުކޮށްފައިވަނީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަކީ އެމެރިކާއަށާއި އިސްރާއީލަށްއޮތް ބިރެއްކަން ދެއްކުމަށް އެންމެ ކުރީއްސުރެ އިސްރާއީލު ގެންގުޅޭ ޕްރޮޕަގެންޑާތައް ފެތުރުމަށެވެ.

ވައިޓްހައުސްއިން ވަނީ ނަތަންޔާހޫގެ ޚިތާބުގައި އައު ކަމެއް ނުހިމެނޭކަމަށާއި އަދި އީރާނާއެކު އެއްބަސްވުމަކަށް ނައިސް މައްސަލަ ޙައްލުކުރާނެ ގޮތެއް ނަތަންޔާހޫ ހުށަހަޅުއްވާފައިނުވާ ކަމަށް ބުނެފައެވެ.

ނަތަންޔާހޫގެ ޚިތާބުގެ ސަބަބުން އީރާނުގެ ނިއުކްލިއަ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލު ކުރުމަށް އޮބާމާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ހުރަސްނޭޅޭނެ ކަމަށް މުޙައްލިލުން ބުނެއެވެ. އަދި އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަކީ އިސްރާއީލަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ނަތަންޔަހޫ ޕްރޮޕަގެންޑާ ފަތުރަނީ އީރާނަށް ނިއުކްލިއަ ގާބިލްކަން ލިބިއްޖެނަމަ ބާރުވެރިކަމުގެ ގޮތުން އިސްރާއީލާ ތިލަފަތް ހަމަވާ ގައުމަކަށް އީރާން ވެގެންހިނގައިދާނެތީ ކަމަށްވެސް މުޙައްލިލުން ބުނެއެވެ.

އިސްރާއީލަކީ ނިއުކްލިއަ ފެތުރުން މަނާކުރާ މުޢާހަދާގައި ބައިވެރިވުމަށް ދެކޮޅު ހަދާފައިވާ ގައުމެކެވެ. އަދި އިސްރާއީލަކީ ބައިނަލްއަގްވާމީ މުޖްތަމައަށް ސިއްރުން ނިއުކްލިއަ ހަތިޔާރު ގިނަ އަދަދަކަށް އުފައްދައި އެއިން ފަލަސްތީނުގެ ރައްޔިތުންނަށާއި އަވަށްޓެރި އަރަބި އިސްލާމީ ގައުމުތަކަށް ބިރުވެސްދައްކަމުން ގެންދާ ހަރުކަށި ގައުމެއްވެސް މެއެވެ.

އީރާނުންވަނީ ނަތަންޔާހޫއަކީ ދޮގުވެރިއެއްކަމާއި އޭނާގެ ޚިތާބަކީ އަޑުއަހަން ބޭނުންނުވާ ބާވަތުގެ ފޫހި އެއްޗެއް ކަމަށް ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)