04 Mar 2015, 09:48
ރޭ 9:00 އިން ފެށިގެން ހުޅުމާލެއިން ތިން ގަޑިއިރަށް ކަމަށްބުނެ ފެން ކަނޑާލި ނަމަވެސް އަނބުރާ ފެން ދޫކުރެވޭ ވަރުވީ އޭގެ އަށް ގަޑިއިރު ފަހުން ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، މަރާމާތުގެ މަސައްކަތަކަށް ރޭ 9:00ގައި ފެންކަނޑާލުމަށް ފަހު އަނބުރާ ފެން ފޯރުކޮށްދެވުނީ ފަތިހު 5:00 ގައި ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ފެން ކަނޑާލަން ޖެހުނީ އަމިއްލަ ފަރާތަކުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރޭގައި، ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ މައި ހޮޅިއަށް ގެއްލުންތަކެއް ލިބުމުގެ ސަބަބުން ކަމަށެވެ.
ފެން ކަނޑާލަންޖެހުނީ އެ ހޮޅިން ފެން ލީކް ވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށް ވެސް އެކުން ފުނިން ބުންޏެވެ.
"ހަގީގަތުގައި ދިމާވި މައްސަލައަކީ ފެންކަނޑާލުމަށްފަހު ހޮޅިންފެން ހުސްވަންދެން މަޑުކުރަން ޖެހުމުން ޑިލޭއެއް ދިމާވީ. އެހެންވެ ފެން އަނބުރާ ދިނުމަށް ލަސް ވެފައިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ފެންހޮޅިއަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލު ކުރެވިފައި ވާނެ ކަމަށާއި އެހެންކަމުން އެއްވެސް ދައްޗަކާ ނުލައި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް މިހާރު ފެންފޯރުކޮށްދެވޭނެ ކަމަށެވެ.