ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާ، ޖަރުމަނުގެ ވެރިރަށް ބާލިންގައި ފަށައިފި އެވެ. "އަައިޓީބީ ބާރލިން ފެއާގެ ނަމުގައި މިއަދު ފެށި ޓޫރިޒަމް ޓްރޭޑް ޝޯގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމުލަ 198 ގައުމަކުން 10،096 ފަރާތެއް ބައިވެރިވެފައިވާ ކަމަށް، ފެއާގެ ރަސްމީ ވެބްސައިޓްގައި ވެއެވެ.

މި ފެއާގައި ރާއްޖޭގެ 75 ކުންފުންޏަކުން 194 ބޭފުޅުން ބައިވެރިވަޑައިގެންނަވައެވެ.
އައިޓީބީގައި ރާއްޖޭގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނެގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އަައިޓީބީ ބާރލިން ފެއާގެ ރަސްމީ ވެބްސައިޓްގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ފެއާއަށް ލައްކަ އަކަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ފަހަރު އައިޓީބީ ފެއާގައި ރާއްޖޭން ބައިވެރިވާ އިރު ރާއްޖޭގެ ސްޓޭންޑަށް ވަނީ އެހެން އަހަރުތަކުގައި ސްޓޭންޑް ހުންނަގޮތާ ތަފާތުކޮށް، ބަދަލުތަކެއް ގެނެސްފައެވެ.

ސްޕެއިންގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ މި ފަހަރުގެ ރާއްޖޭގެ ސްޓޭންޑް ވެގެންދާނީ ޒަމާނީގޮތަކަށް ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ސްޓޭންޑަކަށް ކަމަށް އެމްއެމްއާރުޕީސީން މައުލޫމާތުދެއެވެ.

މި ސްޓޭންޑްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކުވައިދިނުމުގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދައްކާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖޭގެ ކެއްކުންތެރިކަމާއި ދިވެހި ހެދިކާގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް އެ ސްޓޭންޑުން ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެހެން އަހަރުތަކަކޭ ވެސް އެއްގޮތަށް މިފަހަރުވެސް މޯލްޑިވިއަން ނައިޓާއި ރާއްޖޭން ބާއްވާ ޚާއްސަ ޕްރެސްކޮންފަރެންސެއް އޮންނާނެ އެވެ. މޯލްޑިވިއަން ނައިޓްގައި މިއުޒިކާއި ނެށުމުގެ ހަރަކާތްތައް ކުރިޔަށްދާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

އައިޓީބީ ފެއާގެ އިނާމްތައް ވެސް މިފަހަރު ސްޕޮންސާކޮށްފައި ވަނީ ރާއްޖޭންނެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިޔަށްދާ މި ފެއާ އޮންނާނީ މިއަދުން ފެށިގެން މިމަހުގެ އަށެއްގެ ނިޔަލަށެވެ.