04 Mar 2015, 09:22
އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް ޖަލްސާ ބާއްވަން ހުރަސްއަޅަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ލައިވް ފީޑް ކަނޑާލައިފި އެވެ.
މިއަދު ހެނދުނު 9:00 ގައި ޖަލްސާ ފެށިކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ކަށި ގަނޑު ފުމެ، އަޑުގަދަކޮށް ޖަލްސާ ކުރިއަށްގެންދިޔުމަށް ހުރަސްއަޅާފައެވެ.

އެމްޑީޕީގެ މެމްބަރުން ޖަލްސާއަށް ހުރަސްއަޅަނީ ---- ފޮޓޯ/ މެމްބަރު މުހައްމަދު އަމީތު
މަޖިލީހުގެ ޖަލްސާއަށް ހުރަސްއެޅި އެމްޑީޕީގެ މެމްބަރުން ގޮވަމުންދިޔައީ، ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދޫކޮށްލުމަށެވެ. އަދި އެމަނިކުފާނު ދޫ ނުކޮށްލައްވަނީސް މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މައްޗަންގޯޅި އިތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ކަށިގަނޑު ފުމެ، ޖަލްސާއަށް ހުރަސްއަޅަނީ ---- ފޮޓޯ/ މެމްބަރު އަބްދުﷲ ރިފާއު
މިއަދުގެ ޖަލްސާގައި އޮތީ އެންމެ ބިލެއްގެ މަސައްކަތެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކުގެ ބިލެވެ.މިއަދުގެ ޖަލްސާ އަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ހުރަސް އަޅާފައިވާއިރު، އިއްޔެގެ ޖަލްސާއަށް ވެސް އެ ޕާޓީގެ މެމްބަރުން ވަނީ ހުރަސް އަޅާފައި އެވެ.
ލައިވް ފީޑް ކަނޑާލި ނަމަވެސް އެޖެންޑާގައި އޮތް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ލިބެން ޖެހޭ ރައްކާތެެރި ކަމާއި އިނާޔަތްތަކާ ބެހޭ ބިލްގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ވޯޓު ނެގުން އޮންނާނީ މިއަދު 13:30ގަ އެވެ.