ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުގެ 30 ޕަސެންޓް ޑިއުޓީން އުނިކުރަން ފެށިފަހުން އެންމެ ގިނަ އިން އެ ބަނދަރުތަކަށް ގެންދަނީ ހިލަވެއްޔާއި ކާރު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު އަސްވާން މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުން ނަގާ ޑިޔުޓީން 30 ޕަސެންޓް އުނިކުރުމަށް ސަރުކާރުން ނިންމުމުން އެ ބަނދަރުތަކަށް ބާލާ މުދަލުގެ މިންވަރު އެތައް ތަނަކުން އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ރަށްތަކަށް އުމުރާނީ ގޮތުންނާއި އިގްތިސޯދީ ގޮތުން ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ބަނދަރުތަކަށް ގިނަ އަދަދަކަށް ސިނގިރޭޓް ބާލާކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ވެސް އެއްވެސް މުދަލެއް އިސްތިސްނާ ނުވާނެ ގޮތަށް އެ ބަނދަރަށް މުދާ ގެންގޮސް އެ ބަނދަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މަގުތައް ތަނަވަސް ކޮށްދިނުން ކަމަށެވެ.

"އެ ބަނދަރުތައް މި ހުންނަނީ ބޭނުންނުކުރެވި އެތައް ހަރަދުތަކެއްކޮށްގެން ހަނދާފައި. މިހާރު އެތަންތަން އެބަ ބޭނުން ކުރެވޭ. އަޅުގަނޑުމެންގެ މަގުސަދަކީ ވެސް މުދާ ހަމަ އެތަންތަނަށް ގެންދިޔުން. ވަކި ސިނގިރޭޓް ވެސް އޭގައި އިސްތިސްނާއެއް ނުވާނެ. އެހެންނޫނަސް އެންމެ ގިނައިން މިދިޔަ އަހަރުގެ ޖޫން މަހާ ހިސާބުން ފެށިގެން އެތަންތަނަށް ގެންދެވިފައި މިހުރީ ހިލަވެލި. ޔޮޓް ފަހަރު ކަހަލަ އެއްޗިހި. މިހާރު ކާރު ވެސް އެބަ ގެންދޭ ވަރަށް ގިނަ އަދަދަކަށް.
މިހިރީ ގިނަ އަދަދަކަށް ޑިއުޓީ ބޮޑު އެއްޗިހި. އެމީހުން ވެސް ހަމަ އެ އެއްޗިހި މި ގެންދަނީ އެއިގެން ޑިޔުޓީ މާފުވާތީ،" އަސްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބަނދަރުތަކަށް ގެންދާ މުދަލަށް ލުޔެއް ނުދޭ ނަމަ އެ ބަނދަރުތައް ކުރިއަރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ސިނގިރޭޓް ފަދަ ކޮންޓްރޯލް މުދަލުން ޑިޔުޓީ މާފުވެ އޭގެން މުޖުތަމައަށް ގެއްލުންވާ ނަމަ އެކަމުގައި ފިޔަވަޅު އަޅުއްވަން ޖެހޭނީ ޒިންމާދާރު މުއައްސަސާތަކުން ކަމަށެވެ.

"އަޅުގަނޑުމެން ނަކީ އެންފޯސްމަންޓް ބޮޑީއެއް. އެހެން ނޫނަސް ސިނގިރޭޓަކީ މަނާ އެއްޗެއް ނޫން. ކޮންޓްރޯލް އެއްޗަކަށް ވީމަ ހެލްތު މިނިސްޓްރީ ކަހަލަ ތަނަކުން އޭގެ ޒިންމާ ނަގަން ޖެހޭނީ،" އަޝްވާން ވިދާޅުވި އެވެ.

ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުން ޑިއުޓީގެ ލުޔެއް ދޭން ފެށުމުން ގިނަ އަދަދަކަށް އެ ބަނދަރުތަކަށް ސިނގިރޭޓް ގެންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ އެކްޓިން މެނޭޖާ އަހުމަދު އާތިފް މިއަދު ވިދާޅުވީ ސިނގިރޭޓް ކޮންޓެއިނަރެއް އައީ ވެސް އެންމެ ފަހަރަކު ކަމަށާއި އެންމެ ގިނައިން އެ ބަނދަރަށް ބާލަނީ ހިލަވެލި ކަމަށެވެ.

"ކުރީ ދުވަހު ސިނގިރޭޓް ޝިޕްމަންޓެއް އައި. ދެން އެ ދުވަހު އެކަމުގައި ބަޔަކަށް އޮޅުންތަކެއް އަރައިގެން އުޅުނު. އެއީ މިތަނުގައި އެހެން އޮޕަރޭޝަނެއް ހިނގި ދުވަހެއް ވީމަ. އަޅުގަނޑުމެންނަށް އެންމެ ގިނައިން މި ލިބެނީ ޕެރިސެބްލް އެއްޗިހި ދެން އަދި މީގެ އިތުރުން ހިލަވެލި ވަރަށް ގިނަ. ދެން ކާރު ވެސް މިހާރު މަޑު މަޑުން އެބަ އައުން އިތުރުވޭ،" އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އޮފީހުން ވެސް މިއަދު ބުނީ އެފަރާތަށް ވެސް އެފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށާއި އަދި ޝަކުވާއެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މިހާރު ގިނަ އަދަދަކަށް ބަނދަރަށް މުދާ ބާލާ ކަމަށެވެ. އޭނާ ބުނީ މުދާ ބޭލުމުގެ ސަބަބުން ދޯނިތައް ހިންގާ ފަރާތްތަކަށް ވަރަށް ބޮޑަށް ފައިދާވާ ކަމަށެވެ.
"އަހަރުމެންގެ ދޯނިތަކުން މާލެ އަށް މުދާ މިގެންދަނީ. އެހެންވެ ވަރަށް ފައިދާކުރޭ. ބިން ހޯދަން ވެސް ވަރަށް ގިނަ ފަރާތްތަކުން އެބަ އެދޭ،" އޭނާ ބުންޏެވެ.

ޓްރޭޑް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އުސްމާން ޝާކިރު މިއަދު ވިދާޅުވީ ސިނގިރޭޓް އެ ބަނދަރުތަކަށް ގެންގޮސްގޮސްގެން ވިޔަފާރިވެރިން ބޮޑު ފައިދާއެއް ހޯދަމުން ގެންދިޔުމުން އެޅޭނެ ގާނޫނީ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޑިޔުޓީ މާފުކުރުމުން އެކަމުން އިގްތިސޯދަށް އިތުރު ފައިދާތަކެއް ލިބެމުން އަންނާނެ ކަމަށެވެ.
ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި ގަނޑައަޅާފައި ވަނީ ކޮންމެ ސިނގިރޭޓަކަށް 30 ލާރި ޑިއުޓީގެ ގޮތުގައި ނަގާ ގޮތަށެވެ.