ގައުމު ދަނީ ރަނގަޅު މިސްރާބަކުން ނޫން ކަމަށާއި ބިރުވެރިކަމާއި ހާސްކަން ގައުމުގައި ބޮޑުވުމުން ސުލްހައަށްޓަކައި ކޮންމެ މީހަކު ތެދުވުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފަހަކަށް އައިސް ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ގިނަ ހައްގުތަކެއް މިއަދުގެ ސަރުކާރުން ހަނިކޮށްފައިވާ ކަމަށާއި ސަރުކާރު ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.

"ސަރުކާރުގެ ތެރެއިން މި ދަނީ ފަރުދީ ހައްގުތަކުގެ މައްޗަށް އަރައިގަތުމަގެ ކަންތައްތަކެއް ފެށިގެން ގޮސްފައި. ސަރުކާރުގެ ތެރެއިން އަންނަނީ ކޮރަޕްޝަންގެ އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ފަށާފައި. މި ކަންތައްތައް މިހެން ވެގެން ދިއުމަކީ ރައްޔިތުންގެ މިއަދުގެ ކަންބޮޑުވުމަކީ،" އިމްރާން ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްޕުޅު ކުރެއްވި އަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރާއި ބައިވެރިގެން ކުރިން ތިއްބެވީ އަދުލު އިންސާފާއި ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް ކަމަށެވެ. އިމްރާން ވިދާޅުވީ މި ކަންތައްތަކުން މިއަދުގެ ސަރުކާރު "އެއްފަރާތްވެ" ސަރުކާރުގެ "މިސްރާބު" މުޅިން ބަދަލުވެއްޖެ ކަމަށެވެ.

"މިއަދު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ހަމަޖެހުމާއި އަމާންކަމާއި ސުލްހަވެރިކަމަށް ލޯބިކުރާ ކޮންމެ މީހަކުމެ ދިވެހިރާއްޖޭގެ ހައްގުގައި ތެދުވަން އެބަޖޭހޭ. ރައްޔިތުންގެ ހައްގުގައި ތެދުވަން އެބަޖެހޭ. އެކަމަށް މަސައްކަތް ކުރަން އެބަޖެހޭ. މިއަދު ރާއްޖެ އެޅިފައިވާ މިސްރާބަކީ ހަމަ ގައިމުވެސް ރަނގަޅު މިސްރާބެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނާމާން ކަމާއި ބިރުވެރިކަން އެބައޮތް. ކަންބޮޑުވުމާއި ހާސްވުން އެބައޮތް،" އިމްރާން ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ރާއްޖެެއަށް ތަރައްގީ ކުރިއެރުންތައް ރާއްޖެއަށް އަންނަމުންދާ ކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ތަރައްގީއާ ކުރިއެރުން ވަނީ ހުއްޓިފައި ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ފައިސާގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައި އެވެ. ރާއްޖޭގެ އިގްތިސާދު ހީނަރުވަމުންދާ ކަމަށާއި އެކަމުގެ އަލާމާތްތައް ފެންނަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މި އޮތް ހާސްކަމާއި ނުތަނަވަސްކަން އޮތް ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިގްތިސާދީ ގޮތުން އިތުރު ނުރައްކަލާ ދިމާވުމަކީ އެއީ ވަރަށް ގާތް ކަމެއް. މި މަންޒަރުތައް ފެނުމުން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ގޮތްތަކެއް ހޯދުމަށް މިކަމުގައި މަސައްކަތް ކުރަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވި އިރު އޭނާ މިއަދު ވަނީ ރައީސް ޔާމީނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައި އެވެ. ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ އެއްވެސް ތަފްސީލެއް އިމްރާން މިރޭ ވެސް ހާމައެއް ނުކުރައްވަ އެވެ.