03 Mar 2015, 17:41
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރެއްވުމަށް ދިވެހި ސަރުކާރުގެ ވަފްދެއް ސްރީ ލަންކާއަށް ހިނގައްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ ބައްދަލު ކުރުމަށް ލަންކާއަށް ވަޑައިގެންނެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
އެ ބޭފުޅުން ބޭރުގެ ފަރާތްތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ނިހާން މިއަދު ވަނީ ޓްވީޓު ކުރައްވާފަ އެވެ.
ނިހާން ކުރައްވާފައިވާ ޓުވީޓާއެކު ޕޯސްޓްކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ސަރުކާރުގެ ވަފްދުން ވަނީ ލަންކާގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބެސަޑަރުންނާ ބައްދަލުކުރައްވާފަ އެވެ. އޭގެ ތެރޭގައި، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރަޝިޔާގެ ސަފީރާއި އޮސްޓްރޭލިއާގެ ސަފީރާއި އިނގިރޭސި ސަފީރު އަދި ގަތަރުގެ ސަފީރު ހިމެނިވަޑައިގަންނަވަ އެވެ.
ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ލަންކާގައި ހަރަކާތްތެރިވަމުން ދާއިރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ޔުނައިނެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްސީއާރް)ގެ ރައީސް ހޯޗިމް ރޫކާއަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ކިޔައިދެއްވާފައި އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ހިއުމަން ރައިޓްސް ކައުންސިލްގެ ރައީސް ހޯޗިމް ރޫކާ އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިއްޔެ ބައްދަލުކުރެއްވި ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތާ ބެހޭ ގޮތުން ރޫކާއަށް ދުންޔާ މައުލޫމާތު ދެއްވި ކަމަށެވެ.
ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ލަންކާގައި ހަރަކާތްތެރިވަމުން އަންނަ އިރު ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ބޭރުގެ ފަރާތްތަކާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް އިދިިކޮޅު އެމްޑީޕީ-ޖޭޕީގެ ވަފްދެއް ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ލަންކާ އަށް ވަޑައިގެންފައި އެވެ. އެ ވަފްދުފައި އިސްކޮށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އެވެ.