މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިންގި މަރާމާރީއެއްގައި ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަޙްމަދު ޝާކިރު، 23، މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ޖައިލަމްގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުންދަނީ އެފަދަ މައްސަލަތަކުގެ ތަޙުޤީޤު އަވަސް ކުރުމުގެ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި އެކުލަވާލާފައިވާ ޚާއްޞަ ތަހުގީގު ޓީމަކުން ކަމަށް ފުލުހުން ބުންޏެވެ.

ޖައިލަމް މަރާލީ އޭނާގެ ހަށިގަނޑު 12 ތަނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލައިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ އެ ޒުވާނާގެ ހަށިގަނޑުން އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ އޭނާގެ ކަރެވެ. އޭނާގެ ކަރަށް ވަޅިން ދިން ހަމަލާގައި ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރުތައް ވަނީ ބުރިވެފަ އެވެ.