03 Mar 2015, 16:46
ކުރިއަށް އޮތް ސީޒަންގައިވެސް ޗެލްސީއަށް ކުޅެދޭން ބޭނުން ކަމަށް އެޓީމުގެ ޑިފެންޑަރެއްގެ މަގާމް އަދާކުރަމުން އަންނަ އަދި ޓީމްގެ ކެޕްޓަން ޖޯން ޓެރީ ބުނެފި އެވެ.
ޓެރީ ބުނީ، މި ސީޒަނަކީ ޗެލްސީގައި އޭނާ ހޭދަކުރާ އެންމެ ފަހު ސީޒަން ކަމަށް ވެއްޖިއްޔާ، މި ސީޒަން ނިންމާލަން ބޭނުމީ ގިނަ ކާމިޔާބީ ތަކަކާ އެކު ކަމަށެވެ. އަދި އަންނަ ސީޒަންގައިވެސް ޗެލްސީއަށް ކުޅުމަކީ އޭނާގެ ޓާގެޓެއް ކަމަށް ޓެރީ ބުންޏެވެ.
"މި އަހަރަކީ ޗެލްސީގައި އަހަރެން ހޭދަކުރާ އެންމެ ފަހު އަހަރު ނަމަ މި އަހަރު ނިންމާލަން ބޭނުމީ ގިނަ ކާމިޔާބީ ތަކަކާއެކު. ނަމަވެސް އަހަރެން މިހާރު މިހިރީ ވަރަށް ރަނގަޅު ފޯމެއްގައި. އެހެން ކަމުން ކްލަބުން ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް އަހަންނަކަށް ނުބެލެވޭ. އަންނަ އަހަރުވެސް މި ކްލަބަށް ކުޅުމަކީ އަހަރެންގެ ޓާގެޓެއް،" ޓެރީ ބުންޏެވެ.
މިހާރު އުމުރުން 34 އަހަރު ވެފައިވާ ޓެރީ، ޗެލްސީ އާއެކު ވެފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާއިރު، އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު އިނގިރޭސި ލީގު ކަޕްގެ ފައިނަލް މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދަދީފައެވެ.
ޗެލްސީ އާއެކު ގިނަ ކާޔާބީތަކެއް ހޯދާފައިވާ ޓެރީ ވަނީ އަންނަ އަހަރަށް ފަހު ކްލަބުގައި އޭނާއަށް ހުރެވޭނެ ކަމާމެދު ޔަގީން ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ކްލަބުގައި އޭނާއަށް ހުރެވޭނެކަން ޔަގީން ނުވުމަކީ އޭނާގެ ކުޅުން ރަނގަޅު ކުރަން އޭނާއަށް ލިބިގެންދާ ހިތްވަރެއް ކަމަށްވެސް ޓެރީ ބުންޏެވެ.
"ޓާގެޓަކީ އަންނަ އަހަރުވެސް ޗެލްސީއަށް ކުޅުން. ނަމަވެސް އަންނަ އަހަރަށް ފަހު ކަންތައް ވެގެން ދާނީ ކިހިނެއްކަމެއް ނޭނގެ. މިހާރު އަހަރެން ބެހެއްޓުމާ ނުބެހެއްޓުމުގެ ބާރު އޮތީ ޗެލްސީ އަތުގައި. ނަމަވެސް ކްލަބުގައި އަހަންނަށް ހުރެވޭނެކަން ޔަގީން ނުވުމަކީ އަހަންނަށް ލިބޭ އިތުރު ހިތްވަރެއް،" ޓެރީ ބުންޏެވެ.
މީގެ ކުރިން އިންގްލޭންޑުގެ ގައުމީ ޓީމްގެ ކެޕްޓަންކަންވެސް އަދާކުރި ޓެރީ ގައުމީ ޓީމުން ރިޓަޔާ ކުރީ 2012 ވަނަ އަހަރު އެވެ. ޗެލްސީގެ ޔޫތު ޓީމަށް 1995 ކުޅެން ފެށި ޓެރީ 1998 ވަނަ އަހަރުން އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފަށާފައި ވާއިރު، އޭނާގެ މުޅި ކެރިއަރ އޭނާ ހޭދަކޮށްފައި ވަނީ އެ ކްލަބުގައެވެ.