ބަޣުދާދު (މާޗް 3): އިރާގުގެ އުތުރުގެ ސަލާޙުއްދީން ގަވަނޭޓުން އައިއެސްގެ ހަނގުރާމަ ވެރިން ފައްސާލުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނަށް ބޮޑެތި ކާމިޔާބީ ތަކެއް ލިބެމުންދާކަމަށާއި އައިއެސްގެ އެތަށް ހަނގުރާމަވެރިންނެއް މަރުވެ ބައެއް ހަނގުރާމަވެރިން އަސީރު ކުރެވިފައިވާއިރު ގިނަ އަދަދެއްގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން ފިލައިގެން ގޮސްފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

މިއޮޕަރޭޝަންގެ އިސްކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ލެފްޓިނެންޓް ޖެނެރަލް އިމާދު އައްޒުހައިރީ ވިދާޅުވިގޮތުގައި އައިއެސްގެ އަތްދަށުން މިނިވަންކުރެވުނު ތަންތަނުގެ ތެރޭގައި ތިކްރީތުގެ ފުލުހުންގެ އެކަޑަމީ ހުންނަ ސަރަހައްދާއި ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ އަލްޢުބައިދު އާއި އިރުއުތުރުގެ ސަރަހައްދެއްކަމަށްވާ އަލްތީން ހިމެނެއެވެ.

އަލްތީންއަކީ ތިކްރީތު ޔުނިވާސިޓީވެސް ހުންނަ ސަރަހައްދުވެސް މެއެވެ. މީގެއިތުރުން ތިކްރީތުގެ އިރުމަތީގައިވާ 3 ވިލެޖްކަމަށްވާ އައްހަސާން އާއި މުތިބީޖާ އާއި ބޫސައީދުވެސް މިހާރުވަނީ އިރާގު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާގު ސިފައިން ބަރުހަތިޔާރުން ދޭ ހަމަލާތަކާ ގުޅިގެން ފިލައިގެންދިޔަ އައިއެސްގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން ގޮސްފައިވަނީ ތިކްރީތުގެ އުތުރުގައިވާ ނައިނަވާ އާއި ޙުވައިޖާ އަށްކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިދެތަން ޙިސާރުކުރުމަށް ސިފައިން ތައްޔާރުވަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރާގު ސިފައިން ސަލާހުއްދީން ގަވަނޭޓް މިނިވަން ކުރުމަށް ކުރާ ހަނގުރާމަ އެންމެ ފުރަތަމަ އަމާޒުކޮށްފައިވަނީ އެސަރަހައްދުގެ ބޮޑު ރަށެއްކަމަށްވާ ތިކްރީތަށެވެ.

ތިކްރީތަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ އުފަންރަށެވެ. ތިކްރީތުގައި ފައިހަރުކޮށްލައިގެންތިބި އައިއެސް ހަނގުރާމަވެރިން އެރަށުން ބޭރުކޮށްލުމަށް ފަށާފައިވާ އޮޕަރޭޝަންގައި 25،000 އާއި 30،000 އާ ދެމެދުގެ އަދަދަކަށް އިރާގު ސިފައިންނާއި ސަރުކާރަށް ތާއީދުކުރާ މިލީޝާޔާ ހަނގުރާމަވެރިން ބަރުހަތިޔާރާއެކު ބައިވެރިވެއެވެ.

ސަލާޙުއްދީން ގަވަނޭޓް މިނިވަން ކުރުމަށް އިރާގު ސިފައިން ހިންގާ މިއޮޕަރޭޝަންގައި އިސް ދައުރެއް އަދާކުރާ އެހެން ކޮމާންޑަރަކާ ޙަވާލާދީ ރޮއިޓާސް ޚަބަރުދޭގޮތުގައި އައިއެސް ގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިންނާ ދެމެދު މިހާރުވެސް ތިކްރީތުގެ ތިން ސަރަހައްދެއްގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދެއެވެ. މީގެތެރެއިން އެއް ސަރަހައްދަކީ އައިއެސްގެ އަސްކަރީ ބޭހެއް ހުންނަ އައްދޫރު ވިލެޖް ކަމަށާއި މި ވިލެޖް ހިފުމަށްޓަކައި އިރާގުގެ ވައިގެ ސިފައިންގެ ފައިޓަޖެޓްތަކުން އައިއެސްގެ ހަނގުރާމަވެރިންނަށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހަނގުރާމައިގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންގެންދާ އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަން އިން ބުނީ ސަލާޙުއްދީން ގަވަނޭޓް މިނިވަން ކުރުމަށް އިރާގު ސިފައިން މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނަށް އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ކޯލިޝަނުން ވައިގެ އެހީ ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށާ ނަމަވެސް މިހާތަނަށް ވައިގެ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާނެ ކަމުގައެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ ވާހަކަ ދައްކާއިރު އިރާގު ހަލާކުކުރުމަށްޓަކައި ސިއްރިޔާތުގައި އައިއެސް އަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތާއި އައިއެސްގެ މައްސަލާގައި ޑަބަލްރޯލު އަދާކުރަމުންގެންދާކަމުގެ ތުހުމަތު އިރާގުގެ ޕާލަމެންޓުންވަނީ އެމެރިކާގެ މައްޗަށް ކޮށްފައެވެ.

އައިއެސްގެ ހަނގުރާމަވެރިން އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުން ގެންދަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެންކަން އަސްކަރީ ތަޖްރިބާކާރުންވެސްވަނީ ފާހަގަ ކުރައްވާފައެވެ. (އަލްޖަޒީރާ)