16 Feb 2011, 13:03
ވެލާނާގޭ އޮފީސް އިމާރާތުގައި ހުންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީހުން މޮބައިލް ފޯނަކާއި ކެމެރާއެއްގެ އިތުރުން ބައެއް މުވައްޒަފުންގެ މޭޒު ވަތްގަނޑުގައި ހުރި ފައިސާތަކެއް ރޭ ވަގަށް ނަގައިފި އެވެ.
ވެލާނާގޭ އިމާރާތުގެ 11 ވަނަ ބުރީގައި ހުންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ލަތީފު މިއަދު ވިދާޅުވީ، އެ އޮފީހުން ރޭ ވައްކަން ކޮށްފައިވާކަން އެނގުނީ މިއަދު ހެނދުނު ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ވައްކަންކޮށްފައި ވަނީ ރޭ 11ގެ ފަހުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އޮފީހުން ވަގަށް ނަގާފައި ވަނީ ކެމެރާއަކާއި މުވައްޒަފެއްގެ ފޯނުގެ އިތުރުން މުވައްޒަފުން ސައިބޯން ގެންގުޅޭ ފައިސާ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
"ވައްކަންކޮށްގެން ނަގައިފައި އިންނަނީ ބޭފުޅެއްގެ މޭޒެއްގެ ވަތްގަނޑުގައި އޮތް ފޯނަކާއި މިތާނގައި އާއްމުކޮށް ގެންގުޅޭ އެކިއެކި މުނާސަބަތުތަކުގައި ފޮޓޯތައް ނެގުމަށް ގެންގުޅޭ ޑިޖިޓަލް ކެމެރާއަކާއި ދެން އެކިއެކި މުވައްޒަފުންގެ ވަތްގަނޑުގައި ސައިބޯން އެހެން ގެންގުޅޭ ތިރީހަކަށް ސާޅީހަކަށް ފަންސާހަކަށް ރުފިޔާއިން ތަފާތު ބޭފުޅުންގެ ވަތްގަނޑުގައި ހުރި ތަފާތު އަދަދު އެގޮތަށް ހުރި ލާރިކޮޅު ނަގައިފަ ވަނީ،" ލަތީފު ވިދާޅުވި އެވެ.
ލަތީފު އިތުރަށް ވިދާޅުވީ، ފޯނު ވަގަށް ގެންދިޔައިރު އެ ފޯނުގެ ސިމް އޮތީ ނަގައި މޭޒުމަތީ ބާއްވައިފައި ކަމަށާއި އޮފީހުން ވައްކަން ކޮށްފައިވާކަން އެނގުނީ އެ ފޯނުގެ ވެރިފަރާތަށް ފޯނު ނެތް ކަން އެނގުމުން ކަމަށެވެ.
އަދި ވައްކަން ކޮށްފައި ވަނީ އާއްމުކޮށް އެފަދަ ކަންކަން ކޮށް އުޅޭ ގްރޫޕަކުން ނޫން ކަމަށާއި ވައްކަމުގެ ފަހަތުގައިވަނީ "އެތެރޭގެ" މީހެއް ކަމަށް ޝައްކުކުރެވޭ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
"މިތާ ތެރޭގައި އުޅުނު ކޮންމެވެސް މީހަކު ދެން އެކަމެއް ކޮށްފައި މިހިރީ. މިއީ ގްރޫޕް ވައްކަމެއް ކަމަށް ނުފެނޭ. ސަބަބަކީ އެމީހުންނަކީ ސާމަނާ އެއްޗެހި ހިފައިގެން އައިސް ސާމާނު ހިފައިގެން ބޭރަށް ގޮސް މި ކަހަލަ ކަންތައްތައް ކުރާ ބަޔެއް. އެހެންނަމަވެސް، ވައްކަންކުރި މީހާ ބޮޑަށް އަމާޒުކޮށްފައި މިހިރީ އެގޮތަށް އެހެން އަޅައި ނުގަންނަ ކަހަލަ ކުދިކުދި އެއްޗެހި ނެގުމަށް. އެހެންނޫން ނަމަ މިތާހުރި ކޮމްޕިއުޓަރާއި އެއްޗެހި ވެސް ގެންދަންވީތާ. އަނެއްކޮޅުން މިތާ ތަނެއް ހަލާކުކޮށްލައިފައެއް ވެސް ނެތް،" ލަތީފު ވިދާޅުވި އެވެ. "ވަރަށް ހަމަޖެހިގެން އެމީހާ ވައްކަން ކޮށްފައި އެހެރީ،"
ލަތީފް މިއަދު ވިދާޅުވި ގޮތުގައި، އެ އޮފީހަށް ވަންނަން ހުންނަ އެއް ދޮރު ހުރީ ތަޅު ނުލަ އެވެ. އަދި އޮފީހުގެ ދޮރު ހުޅުވައި ބަންދު ކުރުމާ ހަވާލުވެހުރި ހުރި މުވައްޒަފު އެކަމުގެ ޒިންމާ ނަގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭ އެގާރަ ޖަހަންދެން ބޭރު ބަޔަކު އައިސް އުޅުނު މިތާ މަރާމާތުގެ މަސައްކަތަކަށް. ދެން އޭގެ ފަހުން ދޮރު ލެއްޕިއިރު، މި ވާގޮތަކީ އެ ލެއްޕި މީހާ އެބަ ބުނޭ ހަވީރު އެ ދޮރުގައި ތަޅުލައިފައި ހުރީމަ އެއާ ދޭތެރޭ ވިސްނާނުލެވުނީއޭ. ދެން އޭނަގެ އެކްސްކިއުޒް އެއީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން އެއީ. ތަޅުލާކަމަށް ވަންޏާ ހުރިހާ ދޮރެއް ވެސް ބަލަންވާނެ،" ލަތީފު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ވައްކަން ކުރި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.