10 Apr 2010, 12:14
އެމްޑީޕީގެ ލޯކަލް ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީ އަކަށްފަހު ހޮވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވަންވާނީ އެ ދާއިރާއެއްގެ މެންބަރުންގެ މެދުގައި ނެގާ ސިއްރު ވޯޓަކުން ކަމަށް ޤައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް އެ އިސްލާހު ބަދަލުކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖުލީހުގެ ޖަލްސާގައި އެ މަޖިލީހުގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހަކުން ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދެވޭ ގަވާއިދަށް އިސްލާހު ގެނެސް، އެ ޕާޓީގެ ކޮންގްރެސް އިންތިޒާމްކުރުމަށް ކޮމެޓީއެއް ވެސް ޕާޓީ ގައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.