ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ޔުނައިނެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްސީއާރް)ގެ ރައީސް ހޯޗިމް ރޫކާއަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ކިއުއްވައި ދެއްވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން އިއްޔެ ބުނީ ހިއުމަން ރައިޓްސް ކައުންސިލްގެ ރައީސް ހޯޗިމް ރޫކާ އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިއްޔެ ބައްދަލުކުރެއްވި ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތާ ބެހޭ ގޮތުން ރޫކާއަށް ދުންޔާ މައުލޫމާތު ދެއްވި ކަމަށެވެ.

އަދި ބުނީ ބިނާކުރަނިވި މަސައްކަތްތަކެއް ކައުންސިލާ އެކު ކުރަން ރާއްޖޭން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ދުންޔާ ދެއްވި ކަމަށެވެ. އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެ އާއި ބައިނަލް އަގުވާމީ މުޖުތަމައުގައި ވެސް ރާއްޖޭން މަސައްކަތް ކުރާނެ ކަމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޔުނައިނެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލާ އެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ދުންޔާ ވަނީ ރޫކާއަށް ދެއްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކައުންސިލްގައި ރާއްޖޭން މިހާރު ކުރަމުން އަންނަ ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރޫކާ ވިދާޅުވި ކަމަށެވެ.